މަޖިލީހުގެ ދާއިމީ ކޮމެޓީތަކަށް މެމްބަރުން އައްޔަން ކުރުމަށް އާ މަޖިލީހުން އުފެއްދި ވަގުތީ ކޮމެޓީގެ މުގައްރިރަކަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު އިންތިހާބުކޮށް، ނައިބު މުގައްރިރަކަށް މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް އިންތިހާބުކޮށްފި އެވެ.

ވަގުތީ ކޮމެޓީއަށް މުގައްރިރަކާއި ނައިބު މުގައްރިރު އިންތިހާބު ކުރީ މިއަދު ބޭއްވި އެ ކޮމެޓީގެ ފަސް މެމްބަރުންގެ އިއްތިފާގުންނެވެ. އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފުގެ އިތުރުން ރިޔާޒު ރަޝީދާއި އަނާރާ އެވެ.

އެ ކޮމެޓީން މިއަދު ނިންމާފައި ވަނީ އާ މަޖިލީހަށް އިންތިހާބުވި ބައެއް މެމްބަރުން ޕާޓީ ބަދަލު ކުރައްވާފައިވާތީ، އޭގެ ތަފްސީލުތައް ޕާލަމެންޓްރީ ގްރޫޕުތަކުން ދިނުމަށެވެ. އެގޮތުން މިއަދު 4:00 ކުރިން އެ މައުލޫމާތުތައް މަޖިލީހުގެ އިދާރާއަށް ހުށަހެޅުމަށް ޕާލަމެންޓްރީ ގްރޫޕުތަކަށް މަޖިލީހުން އެންގުމަށް އެ ކޮމެޓީން ވަނީ ނިންމާފަ އެވެ.

މަޖިލީހުގެ ދާއިމީ ކޮމެޓީތަކުގެ އަދަދަކީ 13 އެވެ. އެ ކޮމެޓީތަކަކީ އާންމު ކޮމެޓީ އާއި ޕެޓިޝަން ކޮމެޓީ އާއި އިމްތިޔާޒު ކޮމެޓީ އާއި ސުލޫކީ ކޮމެޓީ އާއި ގަވާއިދު ކޮމެޓީ އާއި މާލިއްޔަތު ކޮމެޓީ އާއި އިގްތިސާދީ ކޮމެޓީ އާއި އިޖުތިމާއީ ކޮމެޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) އާއި މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އާއި ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީ އާއި ގައުމީ ތަރައްގީގެ ކޮމެޓީގެ އިތުރުން ގައުމީ ސަލާމަތު ކޮމެޓީ އެވެ. އެ އިން ކޮންމެ ކޮމެޓީއެއްގައި ހިމެނޭނީ 11 މެމްބަރުންނެވެ.

މަޖިލީހުގެ ގަވާއިދުގެ 111 ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ މަޖިލިސް އަލަށް އެކުލަވާލުމަށްފަހު ހިނގާ ފުރަތަމަ ދެ ހަފްތާ ތެރޭގައި ދާއިމީ ކޮމެޓީތަކަށް މެމްބަރުން އިންތިހާބު ކުރާންވާނެ ކަމަށެވެ.