02 Jun 2014, 14:25
ރާއްޖޭގެ ކުދިން އުމުރުން 18 އަހަރުވަންދެން ތައުލީމީ ނިޒާމުގެ ތެރޭގައި ބޭތިއްބުމުގެ ކަންތައް ވަރަށް އަވަހަށް ހަމަޖައްސަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓްމިނިސްޓަރު ޑރ. އަބުދުﷲ ނަޒީރު ވިދާޅުވެއްޖެއެވެ.
ސްކިލްސް ޓްރެއިނިން އެންޑް އެމްޕްލޯއިމެންޓް ޕްރޮގްރާމް (ސްޓެޕް) ގެ ފުރަތަމަ ބުރުގެ ތަމްރީނު ފުރިހަމަ ކުރި ކުދިންނަށް ސެޓްފިކެޓް ދިނުމަށް ނަސަންދުރަ ޕެލަސް ހޮޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑރ. ނަޒީރު ވިދާޅުވީ ތައުލީމީ ނިޒާމުގައި މަސައްކަތުގެ ހުނަރު ދަސްކޮށްދިނުން ހިމެނުމަށް، ތަޖުރިބާ ކުރުމުގެ ޕްރޮގްރާމެއް މިހާރު ވެސް ހިންގަމުން އަންނަ ކަމަށެވެ.
"...އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މި ތައުލީމުގެ ނިޒާމަށް މިއަންނަ ބަދަލުތަކާ އެކީގައި، 18 އަހަރު ވަންދެން އަޅުގަނޑުމެންގެ ތައުލީމުގެ ތެރޭގައި ކުދިން ބައިތިއްބައި، އަޅުގަނޑުމެންގެ ވަޒީފާދޭ ފަރާތްތަކަށް ބޭނުންވާ ހުނަރު އެ ކުދިންގެ ގައިގައި ޖައްސާނެކަން އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން. މި އަންނަ އަހަރުން ފެށިގެން މަސައްކަތްކުރުމަށް މިހާރު އަޅުގަނޑުމެން މިދަނީ ދަސްވާރު ޕްރޮގްރާމާ އަދި އެހެނިހެން ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމްތަކެއް އަޅުގަނޑުމެންގެ ކުދިންގެ ކިބައިގައި އަށަގެންނެވުމަށް ޓަކައި ތަޖުރިބާ މަސައްކަތްތަކެއް ކުރަމުން،" ޑރ. ނަޒީރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަންނަ އަހަރު ދިރާސީ އަހަރު ފެށޭއިރު ސްކޫލްތަކަށް އާ ސްޓްރީމެއް ތައާރަފް ކުރައްވާނެ ކަމަށާއި އެއީ ހުނަރުވެރިކުރުވުމުގެ ސްކީމް ކަމަށެވެ.
"... ކަށަވަރުކަމާ އެކީގައި ދަންނަވާނީ 2015 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށިގެން ދާއިރުގައި އަޅުގަނޑުމެންގެ ސްކޫލްތަކުގެ ތެރެއަށް އިތުރު ސްޓްރީމެއް އަންނާނެ އެއީ ސްކިލްސް ޑިވެލޮޕްމެންޓް ސްކީމް،" އޭނާ ވިދާޅުވިއެވެ.