ޕާކިސްތާން ސަރުކާރުން ރާއްޖެ އަށް ކަނޑައެޅުއްވި އާ ސަފީރު ސަޢީދު ސާއިލް ޢައްބާސް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މިއަދު އަރުއްވައިފި އެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށް ފަހު، ޕާކިސްތާނުގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވި އެވެ.

ރާއްޖެ އާއި ޕާކިސްތާނާ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމާއި އެގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭ ގޮތުންނާއި ޚާއްޞަކޮށް، ސިއްޙީ ދާއިރާއާއި ވިޔަފާރީގެ ދާއިރާ އިން ގުޅުން އިތުރަށް ތަރައްގީ ކުރެއްވުމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ. އަދި ޕާކިސްތާނާއި ރާއްޖެއާ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން، ޕާކިސްތާނުގެ އާސަފީރުގެ ދައުރުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

މިބައްދަލުކުރެއްވުމުގައި، ޕާކިސްތާނުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެ އިން ބޭނުންވާ ކަންކަމުގައި ޕާކިސްތާން ސަރުކާރުން ރާއްޖެ އަށް އަބަދުވެސް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވި އެވެ.
ސާކްގެ މުހިންމުކަމުގެ މައްޗަށް ދެބޭފުޅުން ވާހަކަފުޅު ދައްކަވަމުން، ސާކްގެ ކަންތައްތަކަށް ޕާކިސްތާން ސަރުކާރުން ދެއްވާ އަހަންމިއްޔަތު، ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ފާހަގަކުރެއްވި އެވެ.