މީގެ ކުރުން ކުލަބް ވެލެންސިއާ އާއި ވީބީ ސްޕޯޓްސް ކްލަބަށް ކޯޗްކަން ކޮށްދިން ހަންގޭރީގެ ކޯޗް ލާސްލޯ ކިސް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބްގެ ހެޑްކޯޗަކަށް ގެނައުމަށް އެކުލަބުން ހުށައެޅުމެއް ލިބުނު ކަމަށް ކިސް ބުނެފި އެވެ.

ސަން އަށް މިއަދު ދިން އިންޓަވިއުގައި ކިސް ބުނީ، ނިއުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) ވަނީ އެ ކްލަބުގެ ކޯޗަކަށް ގެނައުމަށް ހުށަހެޅުންތަކެއް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް ނިއުގެ ޗެއާމަން ބަލަކް ކިސް އަށް ހުށަހަޅާފައިވާ ހުށެހެޅުންތަކުގެ އެއްވެސް ތަފްސީލެއް އޭނަ ހާމަކޮށްފައެއް ނުވެ އެވެ.

އެކަމާ ގުޅިގެން ނިއުގެ ޗެއާމަން އަލީ ވަހީދު (ބަލަކް)ގެ ބަހެއް އޭނަ ފޯނު ނުނެގުމުގެ ސަބަބުން ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

މި އަހަރުގެ ފުޓްބޯޅަ ސީޒަނަށް ނިއުއިން ކޯޗަކު ހޯދުމުގެ މަސައްކަތް ފަށާފައި މިވަނީ އެކުލަބުގެ ކޯޗް ކަމުގެ މަގާމްގައި ހުރި އިނގިރޭސިވިލާތުގެ ސައިމަން މެކްމެނެމީގެ ކޮންޓްރެކްޓް ހަމަވުމުން ކޯޗް ކަމުގެ މަގާމު މިދިޔަ މަހު ހުސްވުމުންނެވެ.

މި އަހަރުގެ ފުޓްބޯޅަ ސީޒަންގައި ނިއުއާ ހަވާލުވި އެންމެ ފުރަތަމަ ކޯޗަކީ ސްޕެއިނުގެ އަންހެލް ޕެރޭޒް ގާސިއާ އެވެ. އޭނަ ވެސް ނިއުގެ ކޯޗް ކަމާ ހަވާލުވިތާ ދެ މަސް ދުވަސް ފަހުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ހުސްވި ފުޓްބޯޅަ ސީޒަނުގައި ނިއުގެ ކޯޗަކަށް ގެނައި ވެލީޒާ ޕޮޕޯވް ވަކިވެ ރާއްޖެގެ ކެޕްޓަން އަދި އެކުލަބުގެ ކުރީގެ ތަރި އަލީ އަޝްފާގް މެލޭޝިއާގެ ޕީޑީއާރްއެމް އާއި ގުޅުމުން ނިއު އަށް އަދި މިސީޒަންގައި ރަނގަޅު ކާމިޔާބީއެއް ހޯދިފައެއް ނުވެ އެވެ.