02 Jun 2014, 12:52
މި މަހު ބްރެޒިލްގައި ފަށާ ވޯލްޑް ކަޕުގައި ޖަރުމަނުގެ މިޑްފީލްޑަރު މެސުޓް އޮޒިލްގެ ފަރާތުން މޮޅު ކުޅުމެއް ފެންނާނެ ކަމުގެ ޔަގީންކަން އެ ޓީމުގެ ކޯޗު ޔޯކިމް ލޯ ބުނެފި އެވެ.
ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން އިއްޔެ ކެމަރޫންއާ ދެކޮޅަށް ޖަރުމަން ކުޅެ، 2-2 ލަނޑުން އެއްވަރުވި މެޗުގައި އޮޒިލްގެ ފަރާތުން އެދެވޭ ކުޅުމެއް ފެނިފައެއް ނުވެ އެވެ. ނަމަވެސް އޭނާގެ އެންމެ ރަނގަޅު ކުޅުމަށް އެނބުރި އަންނާނެ ކަަމަށް ލޯ އުންމީދުކުރެ އެވެ.
"މިއަދަކީ އޮޒިލްގެ އެންމެ ރަނގަޅު ދުވަހެއް ނޫން،" ކެމަރޫންއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ލޯ ބުންޏެވެ. "ވޯލްޑް ކަޕަށް ތައްޔާރުވެ، އޮޒިލްގެ މޮޅު ކުޅުމަށް އެނބުރި އަންނަން ބޭނުން ވަނީ ދެ ހަފްތާ،"
ކެމަރޫންއާ ދެކޮޅަށް ކުޅުނު މެޗުގައި ޖަރުމަންގެ ފަރާތުން ގިނަ ކުށްތަކެއް ފެނިގެން ދިޔަ އެވެ. އެކަމާ ގުޅޭ ގޮތުން ލޯ ބުނީ، މެޗުގައި ޖަރުމަނުގެ ޕާސިންގް ގޭމް ނުކުޅެވުނު ކަމަށެވެ.
"އަހަރެމެން ބޭނުންވި ކުޅުމެއް މި މެޗަކު ނުދެއްކުނު. އަހަރެމެންގެ ޕާސްތައް އެހާ ރަނގަޅެއް ނޫން. މެޗުގައި އަހަރެމެންގެ ފަރާތުން ގިނަ ކުށްތަކެއް ތަކުރާރުވި. މެޗުގައި ފުރަތަމަ އަހަރެމެންނަށް ލީޑު ލިބުން ނަމަ، އަހަރެމެންނަށް ފަސޭހަކަމެއް ލިބޭނެ. ނަމަވެސް މެޗުގެ ކަންތައް ދިޔައީ އަހަރެމެންގެ އުންމީދުކުރި ގޮތަކަށް ނޫން،" އޭނާ ބުންޏެވެ.
ޖަރުމަން ކޮޅަށް ފުރަތަމަ ލަނޑު ޖަހައިފައި ވަނީ ޗެލްސީގެ ފޯވަޑް ސެމުއެލް އެޓީ އެވެ. ޖަރުމަނަށް ތޯމަސް މުލާ އެއްވަރުކޮށްދިން އިރު، އެ ޓީމަށް ލީޑު ހޯދައިދިނީ އަންދްރޭ ޝޫލާ އެވެ. ނަމަވެސް މެޗު ނިމެން ބާރަ މިނެޓަށް ވެފައި ވަނިކޮށް މަކްސިމް ޗޮއުޕޯ މޮޓިންގް ވަނީ ކެމަރޫން އަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.