02 Jun 2014, 12:40
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޒުވާނުންގެ ގޮފި، ޕްރޮގްރެސިވް ޔޫތު މޫވްމަންޓް (ޕީވައިއެމް)ގެ ހުސްވެފައިވާ ރައީސް ކަމުގެ މަގާމަށް މީހަކު ހޮވައިފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އެ ގޮފީގެ ކައުންސިލް ބައްދަލުވުމެއްގައި ރައީސް އަކަށް ހޮވާފައި ވަނީ ކައުންސިލްގެ ކޯޑިނޭޓަރު ވޮލަންޓެރިޒަމްގެ މަގާމުގައި ހުރި، އިބްރާހިމް ޔޫސުފެވެ.
ސަން އަށް މައުލޫމާތު ދެމުން ޔޫސުފް މިއަދު ވިދާޅުވީ، ޕީޕީއެމްގެ ޒުވާނުންގެ ގޮފީގެ ރައީސްކަމުގެ މަގާމަށް އޭނާ އިންތިހާބުވެފައި ވަނީ ކައުންސިލްގެ އިއްތިފާގުން ކަމަށެވެ.
"ޒުވާނުންގެ ހަރަކާތުގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ހަރަކާތުގެ ކައުންސިލުން ރައީސަކު އިންތިހާބު ކުރެވޭނެ. ކައުންސިލަށް ހުށަހެޅީ ޒުވާނުންގެ ގޮފީގެ ރައީސް ކަމަށް މީހެއްގެ ނަން ހުށަހެޅުމަށް. ކައުންސިލުން ހުށަހެޅީ ހަމައެކަނި އަޅުނގަޑުގެ ނަން. ދެން ކައުންސިލުގައި ތިއްބެވި ބޭފުޅުންގެ އިއްތިފާގުން ހޮވުނީ،" އޭނާ ވިދާޅުވި އެވެ.
ޕީޕީއެމް ޒުވާނުންގެ ގޮފީގެ ރައީސްކަމުގެ މަގާމުގައި ކުރިން ހުރީ ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ނާޒިމެވެ. ނަމަވެސް ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އޭނާ ގުޅުމުން އެ މަގާމު ވަނީ ހުސްވެފަ އެވެ. އޭރުއްސުރެ ޒުވާނުންގެ ގޮފި ހިންގަމުން ގެންދިޔައީ، މިހާރުވެސް ނައިބް ރައީސްކަން ކުރައްވަމުން އަންނަ އައިމިނަތު ނަދާ އެވެ.
ޕީޕީއެމްގެ ޒުވާނުންގެ ގޮފީގެ ރައީސަކު ހޮވާފައިވާ އިރު، އެ ގޮފިން ހުސްވެފައިވާ ތިން މަގާމަކަށް ވެސް މީހުން ކުރިމަތިލުމަށް ވަނީ ހުޅުވާލާފަ އެވެ.
ޒުވާނުންގެ ގޮފީގެ ކައުންސިލުން ހުސްވެފައިވާ، ކޯޑިނޭޓަރު ޕޮލިޓިކަލް އެމްޕަވާމަންޓު، ކޯޑިނޭޓަރު އާޓްސް އެންޑް މިއުޒިކް ކަލްޗަރު، ކޯޑިނޭޓަރު ވޮލަންޓެރިޒަމްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ އިއްޔެ އިން ފެށިގެން އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ނިޔަަލަށް ކަމަށެވެ.
އޭގެ އިތުރުން އެ ގޮފީގެ ސެކްރެޓަރީގެ މަގާމަށާއި ރެޖިސްޓަރީގެ މަގާމަށްވެސް ކުރިމަތިލުމަށް ވަނީ ހުޅުވާލާފަ އެވެ.