02 Jun 2014, 12:30
ރާއްޖެ އަށް ވަންނަ ބޭރު ފައިސާ ރާއްޖޭގައި ހިފެހެއްޓުމަށް ޓަކައި ކޮންމެ ޒުވާނަކީ ވެސް ވަޒީފާއެއް އަދާކުރާ ޒުވާނަކަށް ވާން ޖެހޭ ކަމަށް ޔޫތު މިނިސްޓަރު ހުއްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.
މަސައްކަތުގެ ދާއިރާ އިން ޒުވާނުން ތަމްރީނުކުރުމަށް ހިންގާ ސްކިލްސް ޓްރެއިނިން އެންޑް އެމްޕްލޯއިމެންޓް ޕްރޮގްރާމް (ސްޓެޕް) ޕްރޮގްރާމްގެ ފުރަތަމަ ބުރު ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށް ނަސަންދުރަ ޕެލަސް ހޮޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަލީހު ވިދާޅުވީ ފަސޭހަކޮށް ދިރިއުޅެވެން ހުރީތީ ވަޒީފާ އަށް ނުދިއުމުގެ ސަގާފަތެއް ރާއްޖެގައި އުފެދެމުން އަންނަ ކަމަށެވެ.
"... ބައެއް ފަހަރު ފަސޭހަކަމާ އެކު ދިރިއުޅެވޭނެ އިންތިޒާމްތައް ހަމަޖެހިފައި ހުރީތީ ވަޒީފާ އަށް ނުދިއުމުގެ ސަގާފަތެއް އަށަގަންނަމުން އެބަދޭ. މިއީ ވަރަށް ހިތާމަކުރަން ޖެހޭ ކަމެއް. އަޅުގަނޑުމެންގެ ރާއްޖެ ދިވެހި ވަންތަ ސިނާއަތްތަކެއް ބިނާކޮށް، ދިވެހިރާއްޖެ އަށް ބޭރުން ވަންނަ ފައިސާ ރާއްޖޭގައި ރިޓެއިންކުރަން، ދަމަހައްޓަން، ހިފަހައްޓަން ބޭނުންވާ ކަމަށް ވަންޏާ ދިވެހިންގެ ތެރެއިން ކޮންމެ ޒުވާނަކީ ވެސް ވަޒީފާއެއް އަދާކުރާ ޒުވާނަކަށް ވާން އެބަޖެހޭ،" މަލީހު ވިދާޅުވި އެވެ.
ރާއްޖޭގެ ރިޒޯޓްތަކަށް އެހެން ގައުމުތަކުން މީހުން އަންނަނީ އެރިޒޯޓްތަކަށް ބޭނުންވާ ހުނަރުވެރި މަސައްކަތްތެރިން އެކަށީގެންވާ ވަރަށް ރާއްޖޭން ނުލިބޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަން ބަދަލުކުރުމަށް ދިވެހި ޒުވާނުން ތަމްރީނާއި ތަޖުރިބާ ހޯދަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
"... ދިވެހި ޒުވާނުންގެ ތެރެއިން، ދިވެހިންގެ ތެރެއިން އެވަޒީފާތަކަށް ބޭނުންވާ ފެންވަރުގެ ކުދިން ނުލިބޭ ކަމަށް ވިޔަސް ރިޒޯޓްތައް ހިންގެން އެބަޖެހޭ. އެހެންވެއްޖެއްޔާ ބޭރުން މީހުން އަންނާނެކަން އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ،" މަލީހު ވިދާޅުވި އެވެ.
ސްޓެޕް ޕްރޮގްރާމްގެ ދަށުން ތަމްރީނުވި ޒުވާނުންނަށް ސެޓްފިކެޓް ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެސެޓްފިކެޓްތައް ބައްސަވައި ދެއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބުދުﷲ ރިފާއު އެވެ.
ސްޓެޕް ޕްރޮގްރާމްގެ ފުރަތަމަ ބުރު މިދިޔަ އަހަރު ފެބްރުއަރީ މަހު ފެށި އިރު އެ ޕްރޮގްރާމްގައި 32 ދެކުދިން ބައިވެރިވި ނަމަވެސް އޭގެ ތެރެއިން 10 ކުދިން ވަނީ އެކި ސަބަބުތަކާ ހެދި ވަނީ ވަކިވެފަ އެވެ.
އެ ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ޔޫތު މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީއާއި ރާއްޖޭގައި ހިންގާ 10 ރިޒޯޓެއް ގުޅިގެންނެވެ. އެ ޕްރޮގްރާމްގައި ކުދިން ތަމްރީނުކުރި ރިޒޯޓްތަކަކީ އަނަންތަރާ އާއި ކޮންރާޑްމޯލްޑިވްސްއާއި ކޮންސްޓެނެންސް ހަލަވެލި ރިޒޯޓާއި ރީތިރަށް ރިޒޯޓާއި ސަމާ އައިލެންޑާއި އެނބޫދޫ ވިލެޖާއި މޫކައި އާއި ވިވަންތާ ބައި ތާޖާއި ކަނުހުރާ މޯލްޑިވްސްއާއި ދަ ބީޗް ހައުސް އިރުވެލި އެވެ.
ސްޓެޕް ޕްރޮގްރާމް މިއަހަރު ވެސް ހިންގާނެ އެވެ. އެޕްރޮގްރާމްގައި މިއަހަރު ބައިވެރިވެފައިވާ ރިޒޯޓްތަކަކީ، އަނަންތަރާ ކިހަވަށް ވިލާސް މޯލްޑިވްސް އާއި ސަންތާރާ ގްރޭންޑް ރިޒޯޓް އެންޑް ސްޕާއާއި ޓްރެވެލް ބްލާންކް ރަންދެލި އާއި ކޮންސްޓެނެންސް މޫފުށި މޯލްޑިވްސްއާއި ޑުސިތް ތާނީ މޯލްޑިވްސްއާއި ޝަންގްރިލާސް ވިލިނގިލި ރިޒޯޓް އެންޑް ސްޕާއާއި ވައިސްރޯއީ މޯލްޑިވްސް އާއި ވިވަންތާ ބައި ތާޖް މޯލްޑިވްސްއާއި ރީތިބީޗް ރިޒޯޓާއި ދަ ރެޒިޑެންސް މޯލްޑިވްސް ވަކަރުފުށި އައިލެންޑް ރިޒޯޓާއި ކަނުހުރާ މޯލްޑިވްސް އާއި ކޮންސްޓެނެންސް ހަލަވެލި ރިޒޯޓާއި ގިލިލަންކަން ފުށި އެވެ.