02 Jun 2014, 11:49
އެމްއެންޑީއެފް އާއި ޔޫއެސް ޕެސިފިކް ކޮމާންޑް ގުޅިގެން ދެކުނު އޭޝިޔާ ސަރަޙައްދުގެ ތިމާވެށި ރައްކާތެރި ކުރުމާ ބެހޭ ބައްދަލުވުމެއް ރާއްޖޭގައި މިއަދު ފަށައިފި އެވެ.
ސައުތު އޭޝިއާ ރީޖަނަލް އެންވަޔަރަންމެންޓަލް ސެކިއުރިޓީ ފޯރަމްގެ ނަމުގައި ބާއްވާ އެ ބައްދަލުވުން ކުރިއަށް ދަނީ މިއަދުން ފެށިގެން މިމަހުގެ ފަސްވަނަ ދުވަހާ ހަމައަށް ކުރުނބާ މޯލްޑިވްސްގަ އެވެ.

ދެކުނު އޭޝިޔާ ސަރަޙައްދުގެ ތިމާވެށީގެ ބައްދަލުވުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
އެ ބައްދަލުވުމުގައި ސަރަހައްދީ ގައުމުތަކުގެ ރައްޔިތުންނަށް ސާފު އަދި ރައްކާތެރި ފެން ލިބިދިނުމާއި، ރައްކާތެރިކަމާ އެކު ކުނި ނައްތާލެވޭނެ ނިޒާމް ހަރުދަނާ ކުރުމާ ބެހޭގޮތުން ރާއްޖެއާ ރާއްޖެއިން ބޭރުގެ ފަންނީ މާހިރުން މައުލޫމާތު ހިއްސާ ކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އޭގެއިތުރުން ހަކަތަ އުފެއްދުމާއި ތިމާވެއްޓާ ގުޅުންހުރި ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކުރުމާ ބެހޭގޮތުން ވެސް މައުލޫމާތު ހިއްސާ ކުރެވޭނެއެވެ.

ދެކުނު އޭޝިޔާ ސަރަޙައްދުގެ ތިމާވެށީގެ ބައްދަލުވުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
އެ ބައްދަލުވުން ރަސްމީކޮށް ފެށުމަށް މިއަދު ހެނދުނު ކުރުނބާ މޯލްޑިވްސް ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވީ ތިމާވެއްޓަށް ދިމާވާ މައްސަލަތަކަކީ ވަރަށް ނުރައްކާތެރި މައްސަލަތަކެއް ކަމަށާއި އެކަން އެންމެބޮޑު އެއް ސަރަހައްދަކީ ސައުތު އޭޝިއާ ކަމަށެވެ.
"ރާއްޖޭގެ ގިނަ ރަށްތަކަކީ ޕޯލާ އައިސްތަށް ވިރުމުން ލޮނުގަނޑު އުފުލުމުގެ ނުރައްކާ ދިމާވެދާނެ ރަށްތަށް. މުޅި ރާއްޖޭގެ އިގްތިސޯދުގެ މައި ތަނބަކީ ޓޫރިޒަމް ކަމަށް ވާއިރު އެވެސް ބިނާވެފައި މިއޮތީ ތިމާވެއްޓަށް. އެހެންވީމަ ތިމާވެއްޓަށް ނުރައްކާތެރި، މޫސުމަށް އަންނަ ބަދަލުތަކުން ދިމާވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް ކުރެވެންހުރި ކަމެއް ކުރުން ވަރަށް މުހިންމު،" ނާޒިމް ވިދާޅުވި އެވެ.

ދެކުނު އޭޝިޔާ ސަރަޙައްދުގެ ތިމާވެށީގެ ބައްދަލުވުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
އެފަދަ ބައްދަލުވުމަކީ މުޅި ސައުތު އޭޝިއާގެ ތިމާވެށީގެ މައްސަލަތަށް ހައްލުކުރުމަށް އެޅިގެންދާނެ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށާއި މުޅި ސައުތު އޭޝިއާގެ ހުރިހާ ގައުމަކަށް މިކަމުގެ ފައިދާ ކުރާނެކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.
ދެކުނު އޭޝިޔާ ސަރަހައްދުގެ ތިމާވެށި ރައްކާތެރި ކުރުމާއިބެހޭ ހަތަރުވަނަ ބައްދަލުވުން މިއަދު ރާއްޖޭގައި ފެށިގެން ކުރިޔަށް ދާއިރު ބައިވެރިން ތަޖުރިބާ ދަތުރެއްގައި މާލެ އަތޮޅު ތުލުސްދޫއަށް ޒިޔާރަތްކުރުމަށް ވެސް ހަމަޖެހިފައި ވެއެވެ.

ދެކުނު އޭޝިޔާ ސަރަޙައްދުގެ ތިމާވެށީގެ ބައްދަލުވުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތަށްފަހު ބައިވެރިން ފޮޓޯއަކަށް ހުއްޓިގެން ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާން