ލޮނުޒިޔާރަތްކޮޅުގައި ފުޓްބޯޅަ ކުޅެން އުޅުނު ބައެއްގެ އަތުން މޫދަށް ދިޔަ ބޯޅައެއް ނަގަން މޫދަށް ފޭބި މީހަކު އޮޔާ ދަނިކޮށް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސިފައިން ސަލާމަތްކޮށްފި އެވެ.

އެ ހާދިސާ ހިނގާފައި ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ. މަންޒަރު ދުށް މީހަކު ސަން އަށް އެ ހާދިސާގެ ވާހަކަތައް ކިޔައި ދެމުން ބުނީ، ބޯޅަ މޫދަށް ދިއުމުން ބޯޅަ އަތުލުމަށް އޭނާ މޫދަށް ފޭބުމުން، އޭނަ ވެސް ބޯޅަޔާ އެކު އޮޔާ ދިޔައީ ކަމަށާއި އެހެން ނަމަވެސް މާގިނައިރުތަކެއް ނުވަނީސް އެމްއެންޑީއެފްގެ ހާބާ ޕެޓްރޯލް ލޯންޗެއް އެސަރަހައްދަށް ގޮސް އޭނަ ސަލާމަތް ކުރީ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ، އެމީހާ ސަލާމަތްކޮށްފައި ވަނީ އަލިމަސް ކާނިވާ ސަރަހައްދާ އިދިމާ ބޭރު ކަނޑުތެރެއިން ކަމަށާއި އެ ހާދިސާގައި ސަލާމަތްކޮށްފައި ވަނީ ހުޅުމާލެ (ފްލެޓް 08-23) ސިވާދު މުހައްމަދު ކިޔާ އުމުރުން 25 އަހަރުގެ ފިރިހެނެއް ކަމަށެވެ.