02 Jan 2011, 12:40
މުވާސަލާތީ ޚިދުމަތްދޭ އެންމެ ބޮޑު ކުންފުނި ދިރާގު ނެޓްވޯކަށް ބަޔަކު ދިން "ހަމަލައިގެ ތުހުމަތުގައި ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ނަމަވެސް ހައްޔަރު ކުރީ ކިތައް މީހުން ކަމާއި އެ މީހުންނާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ނުދިނެވެ. ހަމައެކަނި ފުލުހުން ބުނީ މިރޭ ހިންގި އޮޕަރޭޝަނެއްގައި ބައެއް މީހުން ހައްޔަރު ކުރި ކަމަށެވެ
ފުލުހުންގެ މީޑިއާ އޮފިޝަލަކު ކުރިން ވިދާޅުވެފައި ވަނީ ދިރާގުގެ ނެޓްވޯކަށް ހަމަލާދިނުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު މިހާރު ފުލުހުން ފަށާފައިވާ ކަމަށެވެ.
ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފެށީ ދިރާގުގެ ނެޓްވޯކަށް ބަޔަކު ޑީޑޮސް ހަމަލާއެއް ދީފައި ވަނިކޮށެވެ.
ދިރާގު އިންޓަނެޓް ނެޓް ވޯކަށާއި ވެބް ސާވަރަށް މެދުކެނޑުމެއްނެތި ހެކްކުރާ ފަރާތްތަކަށް ގެއްލުން ދިނުމަށް ކުރާ މަސައްކަތެއްގެ ސަބަބުން ދިރާގު އިންޓަނެޓާއި މޯބައިލް އިންޓަނެޓް ޚިދުމަތް ބޭނުން ކުރުމުގައި ބައެއް ސައިޓްތަކަށް ވަނުމުގައި ވަނީ ދަތި ތަކެއް ކުރިމަތިވެފަ އެވެ. އަދި އެ މައްސަލައަކީ ބަޔަކު ގަސްތުގައި ޑީޑޮސް ހަމަލާތަކެއް ދިރާގުގެ ނެޓްވޯކަށް ދިނުމުގެ ސަބަބުން ދިމާވެގެން އުޅޭ މައްސަލައެއް ކަމަށް ދިރާގުން ބުންޏެވެ.
ދިރާގު ނެޓްވޯކުގެ ދަށުން ރާއްޖޭގައި ހިންގާ ވެބް ސައިޓްތައް މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން މެދުކެނޑިގެން ދިޔައީ ނެޓްވޯކަށް ބަޔަކު "ހަމަލައެއް" ދިނުމާ ގުޅިގެން ނެވެ.
ދިރާގުން ބުނީ ދިރާގުގެ ނެޓްވޯކަށް އާންމުކޮށް އެކި ލެވެލްތަކުގައި ހަމާލާދޭ ކަމަށާއި ނެޓްވޯކަށް މިފަހަރު އައި ހަމަލާއަކީ ވެސް އެފަދަ ހަމަލާއެއް ކަމަށެވެ.