02 Jun 2014, 11:31
މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ އުމުރުން 12 އަހަރުގެ ކުއްޖަކާ އިތުރު ބަޔަކު ނ. ވެލިދޫން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ވެލިދޫ ޕޮލިސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނަކާއި 18 އަހަރުން ދަށުގެ ތިން ކުއްޖަކު ކަމަށެވެ.
އެ ކުދިންގެ ތެރޭގައި ހިމެނެނީ 12 އަހަރުގެ ކުއްޖަކާއި 15 އަހަރުގެ ކުއްޖެއްގެ އިތުރުން 17 އަހަރުގެ ކުއްޖެއް ކަމަށާއި 17 އަހަރުގެ ކުއްޖާއަކީ ވައްކަމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ ކުއްޖެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އާންމު ފަރާތަކުން ދިން މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި އެމީހުން ހައްޔަރު ކުރީ ރޭ 7:55 އެހައިކަށްހާއިރު ވެލިދޫ ކުއްޔަށްދޭ ގެއެއްގެ ތެރެއިން ކަމަށް ފުލުހުން ބުންޏެވެ.
އެ އޮޕަރޭޝަންގައި 25 ރަބަރު ޕެކެޓް އަތުލައިގެންފައިވާއިރު މި ޕެކެޓްތަކުގެ ތެރެއިން 10 ރަބަރު ޕެކެޓް ފެނިފައިވަނީ ކޯޓު އަމުރެއްގެ ދަށުން އެމީހުން ތިބި ގެއަށް ވަދެ އަވަގުތު އެމީހުން ތިބި ކޮޓަރިތެރެ ބަލައިފާސްކުރިއިރު އެ ކޮޓަރިތެރޭގައި އޮތް ފައިވާން ކިބައެއްގެ ތެރެއިން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭގެތެރެއިން 15 ރަބަރު ޕެކެޓް ފެނިފައިވަނީ ފުލުހުން އެކޮޓަރިއަށް ވަނުމާއެކު އެވަގުތު އެ ކޮޓަރީގެ ތެރޭގައި ތިބި މީހުން އެކޮޓަރީގެ ފެންލައިޓުން ބޭރަށް އެއްލާލި ފައިވާން ކިބައެއް ނަގައި އެމީހުންގެ ހާޒިރުގައި އެ ފައިވާން ކިބަ ބަލައިފާސްކުރިއިރު އޭގެ ތެރެއިން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ވެލިދޫ ޕޮލިސްޓޭޝަނުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.