02 Jun 2014, 11:29
އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކަމާ އެކު ކުރިޔަށް ގެންދިއުމަށް އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް އެފްއޭއެމްގެ ރައީސް އިލްހާމް އަހުމަދު ޝުކުރު އަދާކުރައްވައިފި އެވެ.
ރާއްޖޭގެ މީޑިއާތަކަށް އެފްއޭއެމް އިން އިއްޔެ ފޮނުއްވި ބަޔާނެއްގައި ބުނެފައި ވަނީ، ރާއްޖޭގައި މިހާތަނަށް ބޭއްވި ބައިނަލްއަގުވާމީ އެއްމެ ބޮޑު ފުޓްބޯޅަ މުބާރަތް ކާމިޔާބުކަމާ އެކު ކުރިޔަށް ގެންދެވުނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއި މަދަދާ އެކު ކަމަށާއި އެ ހުރިހާ ފަރާތްތަކުގެ މަސައްކަތްތަކަށް ޝުކުރުވެރިވާ ކަމަށެވެ. އަދި ދިވެހި ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ކުރި މަސައްކަތް ވަރަށް އުފަލާ އެކު ފާހަގަ ކުރާކަމަށް ވެސް އެފްއޭއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެފްއޭއެމްގެ ބަޔާނުގައި ބުނެފައި ވަނީ، މުބާރާތަކުން ތިން ވަނަ ލިބުމަކީ ވެސް ރާއްޖޭގެ ފުޓްބޯޅަ އަށް ލިބޭ ފަހުރަކާއި ކުރިއެރުމެއް ކަމަށާއި މިފަދަ މުބާރާތެއް ރާއްޖޭގައި ކުރިޔަށް ގެންދިއުމުގައި ފީފާ އަދި އޭއެފްސީން އެ އެސޯސިއޭޝަނަށް ކުރި އިތުބާރާއި ދެއްވި އެހީތެރިކަމަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް އޭއެފްސީގެ ރައިސް ޝެއިހް ސަލްމާން ބިން އިބްރާހިމް އަލްޚަލީފާ ދެއްވި އިރުޝާދާ އެހީތެރިކަމަށް ޓަކައި އޭއެފްސީގެ ރައިސް އަށް ޝުކުރު އަދާކުރާ ކަމަށާއި މުބާރާތަށް ރާއްޖެ ވަޑައިގެންނެވި އޭއެފްސީގެ އޮފިޝަލުން ކުރެއްވި ބުރަ މަސައްކަތް ފާހަގަކޮށް އެ ފަރާތްތަކަށް ވެސް އެފްއޭއެމްގެ ބަޔާނުގައި ޝުކުރު އަދާކުރައްވާފައިވެ އެވެ.
އެފްއޭއެމްގެ ރައީސް އިލްހާމް އަހުމަދާ ހަވާލާދީ އެބަޔާނުގައި ބުނެފައި ވަނީ، މުބާރާތުގެ މެޗްތަކުގައި ޚާއްސަކޮށް ރާއްޖެ ކުޅުނު މެޗްތަކުގައި ދިވެހި ސަޕޯޓަރުން ދެއްކެވި ފުރިހަމަ ސަޕޯޓަށް ދިވެހި ސަޕޯޓަރުންނަށް ވެސް ޝުކުރު ދަންނަވާ ކަމަށެވެ.
"މި ފަދަ މުބާރާތެއް ކާމިޔާބުކަމާ އެކު ކުރިޔަށް މި ގެންދެވުނީ ވަރަށް ގިނަ ފަރާތްތަކެއްގެ މިންނެތް ބުރަ މަސައްކަތުން. މި މުބާރާތުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް، ވަކިވަކި ފަރުދުންނާއި މުއައްސަސާތަކަށް ވަރަށް އިޚްލާސްތެރިކަމާ އެކު ޝުކުރު ދަންނަވަން. ގައުމީ މި ބޮޑު މަސައްކަތް މިހާ ފުރިހަމަކޮށް މިދިޔައީ ތި ފަރާތްތަކުގެ އަގު ހުރި މަސައްކަތުން، ސިޔާސީ ތަފާތު ބޮޑު މި ގައުމުގައި މި މުބާރާތުގެ ސަބަބުން އެކުވެރިކަމުގެ ރޫހް އާލާ ވެއްޖެ، ގައުމީ ޖޯޝާއި ފޯރި އިތުރުވެއްޖެ." އެފްއޭއެމްގެ ރައިސް އިލްހާމް އަހުމަދާ ހަވާލާދީ އެބަޔާނުގައި ބުނެފައި ވެއެވެ.
މި ފަދަ ބޮޑު މުބާރާތެއް ކުރިޔަށް ގެންދިއުމުގައި ދިވެހި ސަރުކާރުން ޚާއްސަކޮށް ޔޫތް މިނިސްޓްރީ އާއި މިމުބާރާތުގެ ކަންތައްތައް ވިލަރެސް ކުރުމަށް އެކުލަވާލި ސްޓިއަރިން ކޮމީޓީ އާއި ސަބް ކޮމިޓީތަކުން ކޮށްދެއްވި ބުރަ މަސައްކަތް ވެސް އެފްއޭއެމްއިން ވަނީ ޝުކުރުއަދާކޮށްފަ އެވެ.