02 Jun 2014, 11:16
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގާނޫނީ ވަކީލުންގެ ތެރެއިން މެމްބަރުން ހަމަޖެއްސުމުގައި އަމަލުކުރާނެ ގޮތުގެ އާ އުސޫލެއް ކަނޑައަޅައި، ގެޒެޓްކޮށްފިއެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން އެކުލަވާލައި ގެޒެޓުކޮށްފައިވާ އެ ގަވާދުގައިވާގޮތުން ގާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް މެމްބަރަކު އައްޔަން ކުރުމަށް ބާއްވާ އިންތިޚާބުގެ ކަންތައް ބަލަހައްޓާނީ އެ އޮފީހުންނެވެ. އަދި އެ އޮފީހުން އިންތިޚާބުގެ ކަންތައް ކުރިއަށްގެންދާނީ އިލެކްޝަންސް ކޮމިޝަންގެ ފަންނީ ލަފާގެ މަތިން ކަމަށް ވެސް އެ އުސޫލުގައި ވަނީ ކަނޑައަޅާފައެވެ.
އެ އުސޫލުގައި ބުނެފައިވާގޮތުން އެ އިންތިޚާބުގައި ވޯޓުލާ ގަޑިއަކީ ހެނދުނު 8:30 އިން ފެށިގެން ހަވީރު 4:30އާ ހަމައަށެވެ. އަދި ވޯޓުލާ ދިވަސް ދިމާވަނީ ރޯދަ މަހުގެ ދުވަހަކަށް ކަމުގައި ވަނީނަމަ، ވޯޓުލާ ގަޑިއަކީ ވޯޓުލާ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން 3:30 އަށް ކަމަށް ވެސް އެ އުސޫލުގައި ވަނީ ބުނެފައެވެ.
ގާނޫނީ ވަކީލުންގެ ދަފްތަރުގައިވާ ބޭފުޅުންގެ ތެރެއިން ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުގެ ގޮތުގައި ތިއްބަވާ ބޭފުޅުންނަށް އެ އިންތިޚާބުގައި ވޯޓު ނުލެވޭނެ ކަމަށް އެ އުސޫލުގައި ވަނީ ބުނެފައެވެ.
މާލެފިޔަވައި އެހެން ރަށެއްގައި ވޯޓުލެވޭނީ އެރަށެއްގައި ވޯޓުލުމަށް އިއުލާންކުރާތާ މަދުވެގެން ހަތަރު ދުވަހުގެ ތެރޭގައި ފަސް ވަކީލަކު އެޓާނީ ޖެނެރަލްގެ އޮފީހުގައި އެދުމުން ކަމަށް އެ އުސޫލުގައި ވަނީ ކަނޑައަޅާފައެވެ. އަދި ކެންޑިޑޭޓު ފިޔަވައި އެހެން މީހަކު އޮބްޒާވުކުރަން ބަހައްޓަން ބޭނުންވާނަމަ ވޯޓުލާން ފެށުމުގެ 48 ގަޑިއިރު އިރު ކުރިން ކުރިން އެޓާނީ ޖެނެރަލްގެ އޮފީހަށް ލިޔުމުން އަންގަންޖެހޭނެ ކަމަށް ވެސް އެ އުސޫލުގައި ވަނީ ބުނެފައެވެ.
އެ އުސުލޫގައި ބުނެފައިވާގޮތުން ވޯޓުލައި ނިމޭތާ ހަ ގަޑިއިރުގެ ތެރޭގައި އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރަންޖެހޭނެއެވެ.
ވަގުތީ ނަތީޖާ އިއުލާންކުރާތާ 24 ގަޑިއިރުގެ ތެރޭގައި ދާއިމީ ނަތީޖާ އިއުލާން ކުރަންޖެހޭނެ ކަމަށް ވެސް އެ އުސޫލުގައި ވަނީ ބުނެފައެވެ. ނަމަވެސް ރޯދަ މަސް ނަމަ ނަތީޖާ އިއުލާން ކުރުމުގެ ވަގުތު އިތުރު ކުރެވިދާނެ ކަމަށް އެ އުސޫލުގައި ބުނެފައިވެއެވެ.
އިންތިޚާބުގެ ދާއިމީ ނަތީޖާ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް ދިވެހިރާއްޖޭގެ އަޑާއި ޓީވީ މޯލްޑިވްސް މެދުވެރިކޮށް އިއުލާން ކުރަންޖެހޭނެ ކަމަށް ވެސް އެ އުސޫލުގައި ވަނީ ބުނެފައެވެ.