02 Jun 2014, 11:15
ގާނޫނު އަސާސީ އިން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ މަސައްކަތްތައް ހަލުވިކަމާ އެކު ގެންދިއުމުގެ ގާބިލުކަން އަލަށް އިންތިހާބުވެފައިވާ މަޖިލީހުގައި އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފެށި ރައްޔިތުން މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން މެންބަރުންނާއި މުހާތަބުކުރައްވާ މަޖިލިސް ރައީސް ދެއްކެވި ވާހަކަފުޅުގައި އިގުތިސާދީ އަދި އިޖުތިމާއީ "ދުޅަހެޔޮ"ކަން އިތުރުކުރުމަށް މަޖިލީހުން ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށާއި އެ މަސައްކަތްތައް ކޮށްގެން ނަތީޖާ އެ މަޖިލީހުން ނަތީޖާ ނެރެވޭނެ ކަމަށެވެ.
"އިޖުތިމާއީ އަދި އިގުތިސާދީ ދުޅަހެޔޮކަން އިތުރުކުރުމަށް މަޖިލީހުން ހަދަން ޖެހޭ ގިނަ ގާނޫނުތަކެއް އެބަހުރި. އަދި ހަމައެއާ އެކު އިސްލާހު ކުރަން ޖެހޭ ގާނޫނުތަކެއް ވެސް އެބަހުރި. މީގެ އިތުރުން ވެސް ގާނޫނު އަސާސީ އިން މަތިކޮށްފައި އެހެން މައްސޫލިއްޔަތުތައް ވެސް އެބަހުރި. މިކަން ކަން ހަލުވި މިނެއްގައި ގެންދިއުމުގެ ގާބިލުކަން މި މަޖިލީހުގައި އެބަހުރި،" މަސީހު ވިދާޅުވި އެވެ.
މަޝްވަރާގެ މަގުން ކަންކަން ނިންމުމަށް ހުރިހާ މެމްބަރުން ވެސް އިސްކަންދީގެން ރައްޔިތުން ފައިދާ ހުރި ގޮތަކަށް މަސައްކަތް ކުރައްވާނެކަމާ މެދު އެމަނިކުފާނު ޝައްކު ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
މަޖިލީހުގައި ބަހުސް ކުރާނީ ވެސް އަދި މަޝްވަރާ ކުރާނީ ވެސް ނަތީޖާ ނެރުމަށް ކަމަށާއި ނަތީޖާ ނެރެވޭނެ ކަމަށް ވެސް އެމަނުފާނު ވިދާޅުވި އެވެ.
އޭގެ އިތުރުން މަސީހް ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި އިންވައިގެން މަސައްކަތްތައް ފައްޓަވާ އިރު ހިތްޕުޅަށް ސިފަ ވަނީ ފުޓްބޯޅަ މެޗެއް ކަމަށެވެ.
"މެޗް ފެށެނީ ރެފްރީގެ ކަށިގަނޑުން. މެޗް ނިމެނީ ވެސް ރެފްރީގެ ކަށިގަނޑުން. މެޗް ކުޅެނީ ފާސްވެފައި އޮންނަ ގަވައިދެއްގެ ދަށުން. މެޗް ކުޅެމުންދާ އިރު ގަވައިދާ ހިލާފްވެއްޖެ ނަމަ ރެފްރީ ކަށިގަނޑު ފުމޭ. ހިލޭ ޖެހުންދޭ، ނުވަތަ ޕެނެލްޓީ ވެސް ދޭ. ނުވަތަ ކޮންމެވެސް ކާޑެއް ވެސް ދައްކާ. ރެފްރީ އެކަން ކުރަނީ އޭނާ އެކަން ކުރާ ހިތްވާތީއެއް ނޫން. ނުވަތަ މަޖަލަކަށް ވެސް ނޫން. ގަވައިދު އެކަންކުރަން ލާޒިމްކުރާނީ. މެޗް އޮމާންކަމާ އެކު ގެންދިއުމަށް. ބެލުންތެރިންގެ ފައިދާ އަށް."