02 Jun 2014, 10:31
އާ މަޖިލީހުގެ ދާއިމީ ކޮމެޓީތަކަށް މެމްބަރުން އައްޔަން ކުރެއްވުމުގެ މަސައްކަތް ކުރުމަށް ފަސް މެމްބަރުންގެއް ކޮމެޓީއެއް ރައްޔިތުންގެ މަޖިލީހުން ހޮއްވަވައިފި އެވެ.
މަޖިލީހުގެ ދާއިމީ ކޮމެޓީތަކަށް މެމްބަރުން އައްޔަން ކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހޮއްވެވި ފަސް މެމްބަރުންގެ ކޮމެޓީގައި ހިމެނެނީ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފާއި ވައިކަރަދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމުގެ އިތުރުން މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ. އެ ކޮމެޓީ މަޖިލީހުން ހޮއްވެވީ ވޯޓުގައި ބައިވެރިވި ހުރިހާ މެމްބަރުން އިއްތިފާގުންނެވެ.
މަޖިލީހުގެ ގަވާއިދުގެ 111 ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ މަޖިލިސް އަލަށް އެކުލަވާލުމަށްފަހު ހިނގާ ފުރަތަމަ ދެ ހަފްތާ ތެރޭގައި ދާއިމީ ކޮމެޓީތަކަށް މެމްބަރުން އިންތިހާބު ކުރާންވާނެ ކަމަށެވެ.
އާ މަޖިލީހުގެ ދާއިމީ ކޮމެޓީތަކަށް މެމްބަރުން އައްޔަން ކުރެއްވުމަށް ފަސް މެމްބަރުންގެ ކޮމެޓީއެއް އެކުލަވާލަން ހުށަހެޅުއްވީ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފެވެ. އޭނާގެ ހުށަހަޅުއްވުމަށް ތާއިދު ކުރެއްވީ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދެވެ.
ސިޔާސީ ޕާޓީތަކުގެ މަޖިލިސް މެމްބަރުންނާއި މިނިވަން މެމްބަރުންނާއެކު މަޖިލީހުގެ ދާއިމީ ކޮމެޓީތަކުގެ އަދަދީ 13 އެބެ. އެ ކޮމެޓީތަކަކީ އާންމު ކޮމެޓީ އާއި ޕެޓިޝަން ކޮމެޓީ އާއި އިމްތިޔާޒު ކޮމެޓީ އާއި ސުލޫކީ ކޮމެޓީ އާއި ގަވާއިދު ކޮމެޓީ އާއި މާލިއްޔަތު ކޮމެޓީ އާއި އިގްތިސާދީ ކޮމެޓީ އާއި އިޖުތިމާއީ ކޮމެޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) އާއި މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އާއި ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީ އާއި ގައުމީ ތަރައްގީގެ ކޮމެޓީގެ އިތުރުން ގައުމީ ސަލާމަތު ކޮމެޓީ އެވެ.
އެއިން ކޮންމެ ކޮމެޓީއެއްގައި ހިމެނޭނީ 11 މެމްބަރުންނެވެ.
މަޖިލީހުގެ ކޮމެޓީތައް އެކުލަވާލަނީ މަޖިލީހުގައި ޕާޓީތައް ތަމްސީލު ކުރައްވާ މެމްބަރުންގެ ނިސްބަތަށް ބަލައިގެންނެވެ. މަޖިލީހުގައި އެންމެ ގިނަ މެމްބަރުން ތަމްސީލު ކުރައްވާ ޕާޓީތަކަށް ކޮމެޓީތަކުގެ މެޖޯރިޓީ ލިބޭނެ އެވެ. ކޮމެޓީތަކަށް މެމްބަރުންގެ ނަން ހުށަހަޅާނީ އެ މެމްބަރަކު ތަމްސީލު ކުރައްވާ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރެވެ. މިނިވަން މެމްބަރުންގެ މަސްލަހަތު ހިމާޔަތް ކުރާނީ މަޖިލީހުގެ ރައީސް ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެ އެވެ.