02 Jun 2014, 09:51
(ޔޯލާ.ނައިޖީރިއާ) ނައިޖީރިއާގެ އިރު އުތުރުގައިވާ އަދަމާވާ ސްޓޭޓްގެ މޫބީ ނަމަކަށް ކިޔާ ރަށުގެ ސްޓޭޑިއަމެއްގެ ކައިރީގައި ބޮމެއް ގޮއްވާލައި 40 އަކަށް މީހުން މަރާލައިފި އެވެ.
ނައިޖީރިއާގެ އޮފިޝަލުންނާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ބުނީ ބޮންގޮއްވާލި ސަރަހައްދުގައި ޕްރައިމަރީ ސްކޫލަކާއި ބާރްތައް ވެސް ހުރި ކަމަށެވެ. އަދި ބުނީ ބޮން ގޮއްވާލާފައި ވަނީ ފުޓްބޯޅަ މެޗެއް ބެލުމަށް ފަހު މީހުން އެކި ދިމަދިމާ އަށް ފެތުރިގަތް ވަގުތު ކަމަށެވެ.
ނައިޖީރިއާގައި އުޅޭ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ބޮކޯހަރާމް ޖަމާއަތުން ހަމަލާތައް ދޭތީ އަދަމާވާ ސްޓޭޓްގައި ރޭގަނޑު 7.00 އިން ފެށިގެން ބޭރަށް ނުކުމެ އުޅުން މަނާކޮށްފައި (ކާފިއު ހިންގާފައި) އޮންނަތާ މިހާރު އަހަރަކަށް ވުރެ ވަނީ ގިނަވެފަ އެވެ.
ނައިޖީރިއާގެ އިރުމަތީ ސަރަހައްދުގައި ބޮކޯހަރާމް އިން މި އަހަރު ދިން ހަމަލާތަކުގައި 2000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އެގައުމުގެ ސްކޫލަކުން 200 އަށް ވުރެ ގިނަ ދަރިވަރުން ވެސް އެ ޖަމާއަތުން ވަނީ ވަގަށް ނަގާފަ އެވެ.