ރައްޔިތުން މަޖިލީހުގެ އާ ގަވައިދު އެކުލަވާލެވެންދެން ނިމިގެންދިޔަ 17 ވަނަ ރައްޔިތުން މަޖިލީހުން އެކުލަވާލި ގަވާއިދަށް އަމަލުކުރަން ރައްޔިތުން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މިއަދު ކުރިއަށްދާ 18 ވަނަ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައި ވަނީ މަޖިލީހުގެ އާ ގަވައިދު އެކުލަވާލަވެންދެން ވަގުތީ ގޮތުން ކުރީގެ ގަވާއިދަށް އަމަލު ކުރުމަށް ފެންނަ ކަމަށެވެ. މިއަދު މަޖިލީހުން ފާސްކުރި ނިންމުގައިވާ ގޮތުން މަޖިލީހުން އަމަލުކުރާނެ އާ ގަވައިދު ފުރަތަމަ ދައުރު ނިމުގެ ކުރިން އާ ގަވައިދު އެކުލަވާލަން ޖެހެ އެވެ. އަދި އެ މަސައްކަތް ކުރުމަށް މަޖިލީހުން މިއަދު ވަނީ ކުޑަ ކޮމެޓީއެއް ހޮވާފަ އެވެ.

އެ ކޮމެޓީގައި ހިމެނިވަޑައިގެންނަވަނީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު، މަކުނުދޫދާއިރާ މެންބަރު، އަނާރާ ނައީމް، މަތިވެރިދާއިރާގެ މެންބަރު ހުސެއިން މުހައްމަދު، އަދި މައްޗަށްގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހަމަދު ދީދީ އެވެ. އެ ކޮމެޓީ ފާސްކޮށްފައިވަނީ އެ ވަގުތު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވީ މަޖިލީހުގެ އާ ގަވައިދަށް އެކުލަވާލުމުގެ ކުރިން އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށް މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ނިމިގެންދިޔަ 17 ވަނަ ރައްޔިތުން މަޖިލީހުގެ އާ ގަވައިދު އެކުލަވާލާފައިވަނީ މާޗް، 2، 2010 ގަ އެވެ. އަދި އެ މަޖިލީހުގެ ގަވައިދު އެކުލަވާލުމާއި ހަމައަށް ވަގުތީ ގޮތުން އަމަލުކޮށްފައިވަނީ އޭގެ ކުރިން އޮތް 16 ރައްޔިތުން މަޖިލީހުން އެކުލަވާލި ގަވައިދާ އެއްގޮތަށެވެ.