ބެންގާޒީ (ޖޫން 2) : އިސްލާމީ ޝަރީއަތް ގާއިމް ކުރުމަށް ގޮވާލާ ލީބިޔާގެ ހަނގުރާމަވެރި ޖަމާއަތަކާ ދެކޮޅަށް އެގައުމުގެ އިލްމާނީ ފިކުރުގެ އެހެން ޖަމާއަތެއް ކަމަށްވާ ޖެނެރަލް ޚަލީފާ ހަފްތަރުގެ ޖަމާއަތުން ވައިގެ ހަމަލާތަކެއް ދީފިއެވެ.

މިހަމަލާތައް އަމާޒުކުރީ ބެންގާޒީގައި ހުންނަ އަންސާރުއް ޝަރީއާ ޖަމާއަތުގެ މައި މަރުކަޒަށް ކަމަށް ޚަފްތަރުގެ ޖަމާއަތުގެ ތަރްޖަމާން މުޙައްމަދުލްޙިޖާޒީ ބުންޏެވެ. ނަމަވެސް ވައިގެ މިހަމަލާތައް އޮޅުމަކުން އަރާފައިވަނީ ބެންގާޒީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިންގެ އިމާރާތަކަށް ކަމަށް ރޮއިޓާސް ބުނެއެވެ.

ހަމަލާތައް އެރި އިންޖިނިއަރިންގެ ފެކަލްޓީގެ ޑީން ޑރ. ނާސިރުލް އަގޫރީ ވިދާޅުވީ ހަމަލާތައް ދިން ވަގުތު އެއިމާރާތުގައި ގިނަބަޔަކު ނެތްކަމަށާއި ނަމަވެސް އެހަމަލާތަކުގައި ދެމީހުން ޒަޚަމްވެފައިވާ ކަމުގައެވެ. އަދި ހަމަލާތައް އަރާފައިވަނީ ލެކްޗަރ ތަކަށްފަހު ޕްރޮފެސަރުންނާއި ދަރިވަރުން އެއިމާރާތުން ނުކުތްފަހުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ލީބިޔާ ސިފައިންގެ ކުރީގެ ޖެނެރަލެއް ކަމަށްވާ ޚަލީފާ ހަފްތަރުގެ ކޮމާންޑްގެ ދަށުން ހަރަކާތްތެރިވަމުންދާ ހަތިޔާރުއެޅި ޖަމާއަތަކީ އެމެރިކާގެ އެހީތެރިކަމާއެކު ލީބިޔާގެ ވެރިކަން ގަދަބާރުން އަތުލުމަށް ހަރަކާތްތެރިވާ ޖަމާއަތެއް ކަމަށާ އެޖަމާއަތަށް ފައިސާގެ އެހީ ފޯރުކޮށްދެނީ ސައޫދީ އަރަބިޔާއާއި ޔުނައިޓެޑް އަރަބް އިމަރޭޓްސް އިން ކަމަށް ލީބިޔާގެ އަންސާރުއް ޝަރީޢާ ޖަމާއަތުން ބުނެއެވެ.

ޖެނެރަލް ހަފްތަރުގެ ޖަމާއަތުންވަނީ ލީބިޔާގައި ހަރަކާތްތެރިވާ އިސްލާމީ ސިޔާސީ ފިކުރުގެ ހުރިހާ ޖަމާއަތްތަކުގެ ދުވަސް ދުއްވާލެވެންދެން އެޖަމާއަތްތަކާ ހަނގުރާމަ ކުރާނެކަމަށްބުނެ އެޖަމާއަތްތަކާ ދެކޮޅަށް ހަނގުރާމަ އިއްލާން ކޮށްފައެވެ.

ޖެނެރަލް ޚަފްތަރުގެ ޖަމާއަތުން މިގޮތަށް ހަނގުރާމަ އިއުލާން ކުރުމާއެކު ލީބިޔާގައި ދާޚިލީ ހަނގުރާމައެއް ފެށުމުގެ ބިރުވަނީ ބޮޑުވެފައެވެ. (ރޮއިޓާސް)