ތެހެރާން (ޖޫން 2) : ދެދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ކުވައިތުގެ އަމީރު އައްޝައިޚް ސަބާހުލްއަހްމަދު، އިއްޔެ އީރާނަށް ވަޑައިގެން އެގައުމުގެ ރައީސް ޑރ. ހަސަން ފަރީދޫން ރޫޙާނީއާ ބައްދަލުކުރައްވައިފިއެވެ.

މިއީ 1979 ގައި އީރާނަށް ގެނައި އިސްލާމީ އިންގިލާބަށްފަހު ކުވައިތުގެ އަމީރަކު އީރާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ކުވައިތުގެ އަމީރު އީރާނަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި ކުވައިތުގެ ބައެއް ވަޒީރުންނާއި އިސް ބައެއް މަސްއޫލުވެރިންގެ އިތުރުން ކުވައިތުގެ ވިޔަފާރިވެރިންގެ މައްޗަށް އެކުލެވޭ ބޮޑު ވަފްދެއްވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. ކުވައިތުގެ އަމީރަށާއި އޭނާގެ ވަފްދަށް އީރާނުން އަރުވާފައިވަނީ ރަތްދޫލައިގެ މަރްހަބާއެކެވެ. އަމީރު ތެހެރާނަށް ވަޑައިގަތުމުން އޭނާގެ ޝަރަފުގައި ބޭއްވި ހަފްލާގައި އިސްކޮށް ތިއްބެވީ އީރާނުގެ ރައީސް ޑރ. ޙަސަން ރޫޙާނީ އާއި އޭނާގެ ކެބިނެޓްގެ މެންބަރުންނެވެ. އަމީރުގެ ޝަރަފުގައި އީރާނުގެ ސިފައިން ބޭއްވި ޝަރަފުގެ ގާޑެއް އަމީރުވަނީ އިނިސްޕެކްޓް ކޮށްދެއްވާފައެވެ.

މިދަތުރުފުޅުގައި ކުވައިތުގެ އަމީރު އީރާނުގެ ރައީސް ޑރ. ޙަސަން ރޫޙާނީގެ އިތުރުން އީރާނުގެ ދީނީ މުރްޝިދު އާޔަތުﷲ އަލީ ޚަމަނާއި އާ ޕާލަމެންޓްގެ ރައީސް ޑރ. އަލީ ލާރިޖާނީގެ އާއި އީރާނުގެ ކުރީގެ ބައެއް ރައީސުންނާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށް ޚަބަރު ލިބެއެވެ. އަދި މިދަތުރުފުޅުގައި ކުވައިތާއި އީރާނާދެމެދު އިގްތިސާދާއި ވިޔަފާރީގެ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެދެގައުމުގެ މީޑިޔާއިން ބުނެއެވެ.

ކުވައިތުގެ އަމީރު އީރާނަށް ޒިޔާރަތް ކުރައްވަމުން މިގެންދަވަނީ ގަލްފުގެ އަރަބި ގައުމުތަކާއި އީރާނާދެމެދުގައިވާ ޒަމާންވީ ދެބަސްވުންތަކާއި ނުތަނަވަސްކަމުގެ އިތުރުން ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ މައްސަލާގައިވެސް ދެފަރާތުގެ ގުޅުންތައް އިތުރަށް ގޯސްވެފައިވާ ދުވަސްވަރެއްގައެވެ.

އަމީރުގެ ދަތުރުފުޅަކީ ގަލްފުގެ އަރަބި ގައުމުތަކާއި އީރާނާދެމެދުގައިވާ ދެބަސްވުންތައް ހައްލުކޮށް ދެފަރާތުގެ ދެމެދުގައި އިތުބާރު އަލުން އުފެއްދުމަށް މަގުފަހިކުރުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެއް ކަމަށް ވަނީ ބެލެވިފައެވެ. އީރާނާއި ގަލްފުގެ އަރަބި ގައުމުތަކާ ދެމެދުގައިވާ ޒަމާންވީ ނުތަނަވަސްކަން ކުޑަކުރުމުގެ ގޮތުން އީރާނާ ވާހަކަތައް ފެށުމަށް ތައްޔާރަށްއޮތްކަން ސައޫދީ އަރަބިޔާއިންވެސް ދާދިފަހުންވަނީ ހާމަކޮށްފައެވެ. މިގޮތުން ސައޫދީ ޚާރިޖީ ވަޒީރު ސައޫދުލް ފައިސަލް ދާދިފަހުންވަނީ ދެގައުމުގެ ދެމެދުގައިވާ ގުޅުންތައް ރަނގަނޅުކޮށް އިތުބާރު އަލުން އުފެއްދުމަށްޓަކައި ސައޫދީ އަރަބިޔާއަށް ޒިޔާރަތް ކުރެއްވުމުގެ ދައުވަތު އީރާނުގެ ޚާރިޖީ ވަޒީރު ޑރ. މުހައްމަދު ޖަވާދު ޒަރީފް އަށް އަރުވާފައެވެ.

ޒަރީފްވަނީ އުސޫލެއްގެ ގޮތުން މިދައުވަތު ގަބޫލުކުރައްވާފައެވެ. ނަމަވެސް ސައޫދީއަށް ވަޑައިގަތުމަށް ދައުވަތު ދީފައިވާ ތާރީޚަކީ އީރާނާއި ހުޅަނގާ ދެމެދު ކުރިޔަށްދާ ނިއުކްލިޔަރ ވާހަކަތަކުގައި ބައިވެރިވުމަށްޓަކައި ޖެނީވާއަށް ވަޑައިގަންނަވަން ތާވަލުކޮށްފައިވާ ދުވަސްވަރެއް ކަމަށާ އޭނާ ސައޫދީއަށް ވަޑައިގަންނަވާ ތާރީޚު އަލުން ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ޒަރީފް ވަނީ ހާމަކުރައްވާފައެވެ. (ރޮއިޓާސް)