ސީރިއާގައި ހަނގުރާމަ ކުރަމުންދާ އެންމެ ހަރުކަށި ޖަމާއަތްކަމަށްވާ "އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ދަ ލެވެންޓް" (އައިއެސްއައިއެލް) އިން އާދިއްތަ ދުވަހުގެ ރޭ އެގައުމުގެ ބޮޑު ސިޓީއެއް ކަމަށްވާ ހަމާގައި ދިން ހަމަލާއެއްގައި 102 އަހަރުގެ ފިރިހެނަކާއި އޭނާގެ އާއިލާ އެއްކޮށް މަރާލައިފި އެވެ.

ސީރިއާގައި ހަރަކާތްތެރިވާ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތެއް ކަމަށްވާ "ސީރިއަން އޮބްޒްވޭޓަރީ ފޮ ހިއުމަން ރައިޓްސް" (އެސްއޯއެޗްއާރު)އާ ހަވާލާދީ އަލް އަރަބިއްޔާގައި ބުނެފައި ވަނީ، އެގައުމުގައި ހަރަކާތްތެރިވާ އެންމެ ހަރުކަށި ޖިހާދީ ޖަމާއަތް ކަމަށްވާ އައިއެސްއައިއެލް އިން 102 އަހަރުގެ ފިރިހެން މީހާ މަރާލާފައި ވަނީ، އޭނާގެ ގޭގައި ނިދާފައި ވަނިކޮށް ކަމަށެވެ. އަދި އެ މުސްކުޅި މީހާއާއެކު އޭނާގެ ފިރިހެން ދަރިފުޅާއި، ފިރިހެން ކާފަ ދަރި ފުޅާއި އެ ދަރިފުޅުގެ އަނބިމީހާ އާއި އެމީހުންގެ ފިރިހެން ދަރުފުޅު ވެސް މަރާލާފައި ވާ ކަމަށެވެ.

އައިއެސްއައިއެލްގެ ރަހުމުކުޑަ އެ ހަމަލާގައި މަރާލެވުނު އާއިލާއަކީ ސީރިއާގެ ރައީސް ބާއްޝާރުލް އަސަދު ނިސްބަތްވެ ވަޑައިގަންނަވާ "ޢަލަވިއްޔާ" ޝިއައީ މުސްލިމް އާއިލާއެއް ކަމަށް ވެސް އަލް އަރަބިއްޔާގައި ބުނެފައި ވެއެވެ.

އަލްޤައިދާއަށް ނިސްބަތްވާ އައިއެސްއައިއެލް ޖަމާއަތަކީ ސީރިޔާގެ ހަނގުރާމައިގާ ހަރަކާތްތެރި ވަމުންދާ އެންމެ ހަރުކަށި ޖަމާއަތެވެ.

އަސަދުގެ ވެރިކަން ވައްޓައިލުމަށް ސީރިއާގެ އިދިކޮޅު ފަރާތްތަކުން އެހީތެރިކަމަށް އެދުނު އައިއެސްއައިއެލް ޖަމާއަތުން ވަނީ، މިހާރު އެގައުމުގެ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ވެސް ހަމަލާތައް ދޭންފަށައިފައެވެ.

ސީރިއަން އޮބްޒްވޭޓަރީ ފޮ ހިއުމަން ރައިޓްސް އިން ބުނީ، 102 އަހަރުގެ މީހާ މަރުވީ، ހަމާގެ އަވަށެއް ކަމަށްވާ ޒަނުބާ އަށް އައިއެސްއައިއެލް ޖަމާއަތުން ދިން ހަމަލާއެއްގައި ކަމަށެވެ.

"އެ ހަމަލާގައި އެ އާއިލާގެ ބައެއް މެންބަރުން ވަނީ ދިރިތިއްބާ އަނދާފައި، އަނެއް ބަޔަކު މަރުވީ ނިދީގައި ތިއްބައި،" އެސްއޯއެޗްއާރު އިން ބުންޏެވެ.

އެސްއޯއެޗްއާރުން ބުނިގޮތުގައި ސީރިއާގެ އެންމެ ބޮޑު އެއް ސިޓީ ކަމަށްވާ ހަލަބުގައި ހަނގުރާމަ ކުރަމުންދާ ހަރުކަށި ޖަމާއަތްތަކާ ދެކޮޅަށް، ބައްޝާރަށް ވަފާތެރި ސިފައިން ދަނީ، ގެއްލުންދެނިވި ހަތިޔާރުގެ ބާވަތެއް ކަމަށްވާ "ބެރަލް ބޮމް" ބޭނުންކޮށްގެން ހަމަލާ ދެމުންނެވެ. އަދި އާދީއްތަ ދުވަހު ބަދަލު ކުރެވުނު ހަމަލާތަކުގައި އެތަކެއް ގެއެއް އަނދައި ހުލިވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ވަނީ، އަސަދުގެ ސިފައިން ހަމަލާތަކުގައި "ބެރަލް ބޮމްބް" ބޭނުން ކުރަމުން ގެންދާތީ އެކަން ހަރުކަށިކޮށް ކުއްވެރިކޮފައެވެ.

ސީރިއާގައި ހަރުކަށި ޖަމާއަތްތައް ދިރިއުޅެމުންދާ ސަރަހައްދު ތަކަށް އެގައުމުގެ ސިފައިން ދެމުން ގެންދާ ހަމަލާތަކުގައި މިއަހަރުގެ މިހާތަނަށް 2000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު އެސަރަހައްދު ތަކުގައި ދިރިއުޅޭ އެތަކެއް އާއިލާއެއް ވަނީ އަމިއްލަ ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ހިޖުރަކޮށްފައެވެ.

ސީރިއާ ހަނގުރާމައިގާ މިހާތަނަށް 162,000 ވުރެ ގިނަ މީހުން މަރުވެފައި ވާ އިރު، އެގައުމުގެ އާބާދީގެ ބޮޑު ބައެއް ވަނީ، އެމީހުން އުޅޭ ތަން ދޫކޮށް ރައްކާތެރި ހިސާބުތަކަށް ހިޖުރަކުރަން މަޖުބޫރު ވެފައެވެ.