02 Jan 2011, 16:19
މަޖިލިސް މެންބަރުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަ ކުރުމަށް ގޮވާލައި މިއަދު ވެސް މަދަނީ ޖަމިއްޔާތަކުން މުޒާހަރާކޮށްފި އެވެ.
ރައްޔިތުންގެ މަޖިލިސް މެންބަރުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑު ކުރުމަކީ އިންސާފުވެރި ކަމެއް ނޫން ކަމަށް ބުނެ، މިއަދު ހަވީރު 04:30 އެހާކަންހާއިރު ސުނާމީ ބިނާކައިރީގައި ފެށި މުޒާހަރާގައި އެއްވި މީހުން އަޑު އުފުލާފައި ވަނީ ސިވިލް ސާވަންޓުންގެ މުސާރަ އިޔާދަނޮކޮށް، އަދި ދިވެހި ގައުމު ދަރާފައިވާ އިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑު ކުރުމަކީ ދިވެހިން ރުހޭ ކަމެއް ނޫން ކަމަށެވެ.
ވަޒީރުންނާއި ޝަރުއީ ދާއިރާ އާއި މިނިވަން މުއްސަސާތަކަށް މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ކަނޑައެޅި މުސާރައިގެ މިންގަނޑަށް މުޒާހަރާގެ ބައިވެރިން ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ. އެ ގޮތުން އިންޑިއާ އާއި އިޓަލީގެ އިތުރުން އެހެނިހެން ގައުމުތަކުގެ މަޖިލިސް މެންބަރުންނަށް ލިބޭ އިނާޔަތްތަކާއި މުސާރައަށް ބަލައި ދިވެހި ރާއްޖޭގެ މަޖިލިސް މެންބަރުންގެ މުސާރަ އާއި އިނާޔަތްތަކުގެ ފަރަގު އެތައް ތަނަކުން ބޮޑު ކަމަށް އެ މީހުން އަޑު އުފުލާފައިވެ އެވެ.
ނަމަވެސް އެ މުޒާހަރާގައި އަމަލީ ގޮތުން ބައިވެރިވެފައި ވަނީ 20- 30 ވަރަކަށް މީހުންނެވެ.
ސުނާމީ ބިނާކައިރިން ފެށި މުޒާހަރާ ބޮޑު ތަކުރުފާނު މަގުން ގޮސް މަޖީދީމަގުން، ސޯސަންމަގުން އަޅައިގެން ގޮސް މަޖިލިސް ކައިއަށް އެއްވުމަށް މުޒާހަރާގެ ބައިވެރިން މަސައްކަތް ކުރި އެވެ. ނަމަވެސް މަޖީދިއްޔާ ސްކޫލާ ހަމައިން ފުލުހުން ވަނީ މަޖިލީހަށް ދެވޭ މަގު ބަންދުކޮށްފަ އެވެ. އެހެން ކަމުން މުޒާހަރާގެ ބައިވެރިން ހިނގާފައި ގޮސް މުޒާހަރާ ނިންމާލީ މަސްވެރިންގެ ޕާކާ ހަމައިންނެވެ.
އެ މުޒާހަރާގައި ޓްރާސްޕޭރެންސީ މޯލްޑިވްސް އާއި މޯލްޑިސްވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އަދި ޑިމޮކްރެސީ ހައުސްގެ ފަރާތުން ބައިވެރިވި އެވެ.