މެލޭޝިޔާގައި ފަޅު ޖިފުޓިގަނޑެއްގެ ތެރޭގައި 38 މީހުންގެ ގޭންގަކުން އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްފި އެވެ.

މެލޭޝިޔާގެ ދަ ސްޓާގައި ބުނެފައިވަނީ، ގިނަ އަދަދެއްގެ ބަޔަކު ވެގެން ސްކޫލްގައި ކިޔަވަމުން އަންނަ ކުޑަ އަންހެން ކުއްޖަކު ރޭޕް ކޮށްފައިވަނީ، މިދިޔަ މޭ މަހުގެ 20 ވަނަ ދުވަހު، އެގައުމުގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ ކެލަންތަންގައި ކަމަށެވެ. އަދި މިއީ އެގައުމުގައި މިހާތަނަށް އެހާ ގިނަ ބަޔަކު ވެގެން ހިންގި އެފަދަ އެންމެ ބޮޑު ޖަރީމާ ކަމަށް ވެސް އެ ނޫހުގައި ބުނެފައި ވެއެވެ.

ރިޕޯޓުތައް ބުނާގޮތުން އަންހެން ކުއްޖާ ރޭޕް ކުރުމުގެ ކުރިން، އޭނާ ވަނީ އެކުއްޖާގެ ރަހްމަތްތެރި 17 އަހަރުގެ އަންހެން ކުއްޖަކާ ބައްދަލު ކޮށްފައެވެ. އަދި މަސްތުވާތަކެތި ބޭނުން ކުރާ ގްރޫޕުތައް ޖަމާވާ އެ ފަޅުގެގަނޑުގެ ތެރެއަށް އެކުއްޖާ ގެންދިއުމުގަ އާއި އެކުއްޖާ ރޭޕްކުރުމަށް 17 އަހަރުގެ އަންހެން ކުއްޖާ އެހީތެރިވެ ދީފައި ވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.

އަންހެން ކުއްޖާ ފަޅު ޖިފްޓީގެ ތެރެއަށް ވެއްދުމަށްފަހު، އެ އެންމެން ވެގެން އެކުއްޖާއަށް ޖިންސީ ގޯނާކުރުމުގައި އެތަކެއް ގަޑިއިރު ހޭދަކޮށްފައި ވާ ކަމަށް ވެއެވެ. އަދި ތަކުރާރުކޮށް މެދުކެނޑުމެއް ނެތި އެތައް ފަހަރަކު އެކުއްޖާއާ ބެހުމުގެ ސަބަބުން ލިބުނު ވޭނުގައި ހޭނިތެފައި އޮތުމަށް ފަހު އެކުއްޖާ ހޭއަރާފައި ވަނީ އޭގެ އަނެއް ދުވަހު ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މެލޭޝިޔާގެ ފުލުހުންނާ ހަވާލާދީ، ދަ ސްޓާގައި ބުނެފައި ވަނީ، ރޭޕްކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ 13 މީހުން ފުލުހުން މިހާރު ހައްޔަރުކޮށްފައި ވާ ކަމަށެވެ. އޭގެ ތެރޭގައި ބައްޕައަކާއި އޭނާގެ ދެ ފިރިހެން ދަރިން ވެސް ހިމެނޭ ކަމަށް ވެސް އެ ނޫހުގައި ވަނީ ބުނެފައެވެ.

ފުލުހުން ވަނީ، އެ ޖަރީމާއާ ގުޅިގެން މިހާތަނަށް ހައްޔަރު ކޮށްފައިވާ އެންމެން ވެސް ނިސްބަތްވަނީ އެއް ހިސާބު ގަނޑަކަށް ކަން ކަށަވަރު ކޮށްދީފައެވެ. އަދި ހައްޔަރު ކޮށްފައިވާ މީހުންގެ ތެރެއިން ގިނަ ބަޔަކު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ "އެމްފެޓަމިން" އަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އެ އަވަށުގެ ފުލުހުންގެ ވެރިޔަކާ ހަވާލާދީ ދަ ސްޓާގައި ބުނެފައިވަނީ، ހާދިސާ ހިނގުމުގެ ކުރިން އެހިސާބުގައި ދިރިއުޅޭ އަވައްޓެރިންގެ ފަރާތުން އެފަދަ ކަމެއްގެ އެއްވެސް ކަހަލަ އިޝާރާތެއް ކުރިނަމަ އެފަދަ ހާދިސާއެއް ހިނގުމުގެ ކުރިން ފިޔަވަޅުތަކެއް އެޅުނީސް ކަމަށެވެ.

"މިފަދަ ހާދިސާއެއް ހިންގުމުގެ ކުރިން އެކަމާ ދޭތެރޭގައި ފިޔަވަޅު އެޅުނީސް، އެހިސާބުގަނޑުގައި ދިރިއުޅޭ މީހުން، އެ ޖިފްޓިގަނޑަކީ މަސްތުވަތަކެތި ބޭނުންކުރާ ގްރޫޕްތައް ޖަމާވާ ތަނެއްކަން ފުލުހުންނަށް ކުރިން ރިޕޯޓު ކުރިނަމަ... އަޅުގަނޑުމެންނަށް އެކަމުގައި ފިޔަވަޅުތަކެއް އެޅުނީސް،" އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަޒްހަމް އުސްމާން ވިދާޅުވިއެވެ. "މިއީ ވަރަށް ހިތާމަހުރި ކަމެއް، އެހިސާބުގައި ދިރި އުޅޭ އެއްވެސް ބަޔަކަށް އެކަން ޝައްކުވެސް ނުކުރެވުނުކަން. އެ ޖިފުޓިއާ ގާތްގަނޑަކަށް 20 މީޓަރު ދުރުގައި މީހުން ދިރިއުޅޭ ގެތައް ހުރި."

އަޒްހަމް ވިދާޅުވީ، ގޭންގް ރޭޕްގެ ޝިކާރައަކަށްވި ކުޑަ އަންހެން ކުއްޖާގެ މެޑިކަލް ރިޕޯޓްތައް ފުލުހުން ދިރާސާ ކުރަމުން އަންނަ ކަމަށާއި އެހާދިސާ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ފޯހެއް އެކުލަވާލާފައި ވާ ކަމަށެވެ.

އޭޝިޔާގެ އެކި ސަރަހައްދު ތަކުގައި އަންހެނުންނާ ދެކޮޅަށް ހިންގާ މިފަދަ ޖަރީމާތައް އިންތިހާއަށް އިތުރު ވެފައިވާ އިރު، މެލޭޝިޔާގައި އެ ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވާ އެންމެ ބޮޑު މުސްލިމް ސިޔާސީ ޕާޓީގެ ވެރިން ބުނެފައި ވަނީ، އެފަދަ ނުބައި ޖަރީމާތައް ހިންގާ މީހުންނަށް ހަރު ކަށި އަދަބުތައް ދީ، އިސްލާމީ ޝަރީއަތުގައި ވާ ގޮތަށް އަދަބުތައް ތަންފީޒު ކުރެވޭ ނަމަ އެފަދަ ޖަރީމާތައް ހިންގުމަށް މީހުން ފަސް ޖެހޭނެ ކަމަށެވެ.

އޭޝިއާ ގައުމުތަކުގެ ފުލުހުންގެ އިދާރާތަކާ ހަވާލާދީ ޑެއިލީމެއިލްގައި ވަނީ، އޭޝިއާގައި 2012 ވަނަ އަހަރު، ގާތްގަނޑަކަށް 3000 ރޭޕް ކޭސް ރިޕޯޓުކޮށްފައި ވާ އިރު، އޭގެ ތެރެއިން 52 އިންސައްތައަކީ، 16 އަހަރުން ދަށުގެ އަންހެން ކުދިން ޖިންސީ ޝިކާރައަށް ވެފައިވާ މައްސަލަތައް ކަމަށް ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ.