02 Jun 2014, 00:01
މާލޭގައި ވައްކަމާއި ފޭރުން އިތުރުވަމުން ދާތީ އެކަމަށް ހާއްސަ ސަމާލުކަމެއް ދީ އެފަދަ ކުށްތައް މަދުކުރުމަށް މަސައްކަތްތަކެއް ކުރުމުގެގޮތުން ފުލުހުން ހާއްސަ އޮޕަރޭޝަނެއް މިރޭ ފަށައިފި އެވެ.
ފުލުހުން ބުނީ، މޯލްޑިވްސް ޕޮލިސް ސާވިސްގެ ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑާއި ތަހުގީގު ޑިޕާޓްމަންޓް ތަކާއި ފޮރެންސިކް ޑައިރެކްޓްރޭޓް އަދި ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓާއި ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓް ގުޅިގެން ހިންގާ އެ އޮޕަރޭޝަންގައި މާލޭގެ އެކި ސަރަޙައްދުތައް ބަލައި ފާސްކޮށް ހަދާނެ ކަމަށެވެ. އަދި ރޭގަނޑު ދަންވަރުގެ ވަގުތުތަކުގައި ބޭނުމެއްނެތި މަގުމަތީގައި އުޅޭ ފަރާތްތަކާ ސުވާލުކޮށް، ތުހުމަތު ކުރެވޭ ފަރާތްތައް ބަލައި ފާސްކޮށް ހަދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މާލޭގައި މިހާރު ކުރެވެމުންދާ ވައްކަންތަކަށް ބަލާއިރު ވައްކަން ކޮށްފައި ހުންނަނީ ބޮޑެތި އިމާރާތްތަކުގެ ދެ ވަނަ ބުރި ނުވަތަ އެއަށްވުރެ މަތިން ކަމަށްވުމާއެކު އެ އޮޕަރޭޝަންގައި އެފަދަ ކަންކަމަށް ހާއްސަ ސަމާލުކަމެއްދީ އެތަންތަން ބެލެހެއްޓުން އިތުރު ކުރާނެ ކަމަށެވެ.
އެ އޮޕަރޭޝަންގައި ފުލުހުން ހަރަކާތްތެރި ވާއިރު، ރައްޔިތުންގެ ފަރާތުން ވެސް ފުރިހަމަ އެހީތެރިކަން ލިބިގެން ދިއުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ފުލުހުން ބުންޏެވެ. އެ ގޮތުން ރޭގަނޑު ނިދުމުގެ ކުރިން ރަނގަޅަށް ގެދޮރު ތަޅުލުމާއި، ގޭތެރޭގައި ވެސް ފެންނަ ތަންތާގައި އަދި ގެއަށް ވަންނަ ފަރާތްތަކަށް ފަސޭހައިން ފެންނާނެހެން އަގުބޮޑެތި ފޯނާއި ގަހަނާ އާއި އަތުކުރީ ގަޑިއާއި އައިޕެޑް ފަދަ ތަކެތި ނުބެހެއްޓުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
އޮފީސްތަކާއި ކުންފުނިތަކާއި ފިހާރަތަކުގައި ގިނަ އަދަދުގެ ފައިސާ ނުބަހައްޓައި ރައްކާތެރިކަމާއެކު ފައިސާ ބެލެހެއްޓޭނެ ނިޒާމު ހަމަޖެއްސުމަށް ވެސް ފުލުހުންވަނީ އިލްތިމާސް ކޮށްފައެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަންގައި ކޯޓު އަމުރު ހޯދައިގެން ތަންތަން ބަލައި ފާސްކުރުމުގެ އިތުރުން އެކިއެކި ސަރަޙައްދުތައް ވެސް ބަލައި ފާސްކުރަމުން ގެންދާނެ ކަމަށެވެ. އަދި ބައެއް ސަރަޙައްދުތަކުގައި ވެހިކަލް ޗެކިން ޕޮއިންޓް (ވީސީޕީ) ޖަހައި، އެއްގަމު ދަތުރުފަތުރުގެ ނިޒާމުގައި ބޭނުންކުރާ އުޅަނދުތައް ބަލައި ފާސްކޮށް ތުހުމަތު ކުރެވޭ މީހުން ހުއްޓުވައި ބަލައި ފާސްކުރާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.