01 Jun 2014, 23:33
އަބޫދަބީ (ޖޫން 1): މިސްރުގެ ރިޔާސަތަށް އެގައުމުގެ ސިފައިންގެ ކުރީގެ ވެރިޔާ މާޝަލް ރިޓަޔަޑް އަބްދުލް ފައްތާޙް އައްސީސީ އިންތިޚާބުވެ ވަޑައިގަތުމަކީ މިސްރުގެ ރައްޔިތުންނަށާއި މިސްރަށް ހެޔޮއެދޭ ފަރާތްތަކަށް ލިބިގެންދިޔަ ވަރަށްބޮޑު އުއްމީދެއް ކަމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ޚާރިޖީ ކަންތައްތަކާ ބެހޭ ދައުލަތުގެ ވަޒީރު އަންވަރު މުހައްމަދު ގަރްގާޝް ވިދާޅުވެއްޖެ އެވެ.
ގަރްގާޝްއާ ހަވާލާދީ އެމިރޭޓްސްގެ ރަސްމީ ނޫސް އެޖެންސީ ބުނީ ސީސީ އަކީ މިސްރު މިހާރު އޮތް ހާލަތުން އެގައުމު ސަލާމަތްކޮށްދޭނެ ކަމުގެ ހަމައެކަނި އުންމީދު ކަމަށް ދެކެވަޑައިގަންނަވާ ކަމުގައެވެ.
އަނެއްކޮޅުން ޔޫއޭއީ ގެ ހާރިޖީ ވަޒީރު އައްޝައިޚް އަބްދުﷲ ބިން ޒާޔިދު ވެސްވަނީ މިސްރަށް ހަމަޖެހުމާއި ސުލްހަ ގެނައުމުގައި އަބްދުލް ފައްތާޙް އައްސީސީ ކާމިޔާބު ހޯއްދަވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވިދާޅުވެ ސީސީއަށް ތާއުރީފު ކުރައްވައި ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ ސީސީ ގެ ވެރިކަމުގައި ޔޫއޭއީން މިސްރަށް މާލީ ބޮޑެތި އެހީތަކެއް ވެދޭނެ ކަމަށާއި އެކަމަށް ޚާއްސަ ޕްލޭނެއް ވެސް ޔޫއޭއީ އިން އެކުލަވާލާފައި ވާ ކަމުގައެވެ.
ގަލްފުގެ މުއްސަނދި އަރަބި ދެގައުމު ކަމަށްވާ ސައޫދީ އަރަބިޔާއާއި ޔޫއޭއީ އަކީ އަބްދުލް ފައްތާޙް އައްސީސީ ގެ ކޮމާންޑަރު ކަމުގައި މިސްރުގެ ސިފައިން މިދިޔަ އަހަރުގެ ޖުލައި މަހު މިސްރުގެ އެންމެ ފުރަތަމަ ދިމުގްރާތީ ރައީސް ޑރ. މުހައްމަދު މުރުސީގެ ވެރިކަން އަސްކަރީ އިންގިލާބެއްގައި ވައްޓާލުމުން އެކަމަށް އެންމެ ބޮޑަށް މަރްހަބާ ކިޔައި ތާއީދުކުރި ދެގައުމެވެ.
ސީސީ އިސްކޮށް ހުންނަވައިގެން މިސްރަށްގެނައި އަސްކަރީ އިންގިލާބަށް ސައޫދީއާއި ޔޫއޭއީ ތާއީދު ކުރީ އެ ދެ ގައުމުގައި ވެރިކަންކުރާ ވިރާސީ ރަސްކަމުގެ ނިޒާމްތަކާ ދެކޮޅަށް ހަރަކާތްތެރިވާ އިދިކޮޅު ފަރާތްތަކަކީ އިޚްވާނުލްމުސްލިމޫން ފިކުރަށް ތާއީދުކުރާ ބަޔަކަށް ވެފައި ޑރ. މުރުސީއަކީ އިޚްވާން ޖަމާއަތަށް ނިސްބަތްވާ ބޭފުޅަކަށް ވާތީ ކަމަށްވަނީ ބެލެވިފައެވެ.
މިސްރުގައި މިދިޔަ ހަފްތާގައި ބޭއްވި ރިޔާސީ އިންތިޚާބު އަބްދުލް ފައްތާޙް އައްސީސީ ކާމިޔާބު ކުރެއްވުމާ މާގުޅިގެން އެކަމަށް އެންމެ ފުރަތަމަ މަރްހަބާ ކިޔާފައި ވަނީވެސް އެދެގައުމުންނެވެ. ޔޫއޭއީއަށް ވަޑައިގެން އުޅުއްވާ ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރާ އަބޫދާބީގައި ބައްދަލުކުރެއްވުމަށް ފަހު ބޭއްވި ނޫސް ކޮންފަރެންސެއްގައި ޔޫއޭއީ ގެ ޚާރިޖީ ވަޒީރު އައްޝައިޚް އަބްދުﷲ ބިން ޒާޔިދު ވިދާޅުވީ މިސްރުގެ އިގްތިސާދު ދިރުވައި އާލާކުރުމަށް އޭނާގެ ގައުމުން ގެންގުޅޭ ޕްލޭން ސީސީގެ ވެރިކަމުގައި ތަންފީޒު ކުރެވިގެން ދާނެ ކަމަށާ އޭގެ ސަބަބުން މިސްރުގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމުގައެވެ.
ސައޫދީ އަރަބިޔާއާއި ޔޫއޭއީގެ އިތުރުން ކުވައިތަކީ ވެސް ޑރ. މުރުސީގެ ވެރިކަން ވައްޓާލުމަށް ސީސީ ގެންނެވި އަސްކަރީ އިންގިލާބަށް ތާއީދު ކޮށްފައިވާ ގައުމެކެވެ. ސީސީ އިސްކޮށް ހުންނަވައިގެން ޑރ. މުރުސީގެ ވެރިކަން ވައްޓާލުމަށްފަހު ފާއިތުވި އެގާރަ ވަރަކަށް މަސްދުވަހުގެ ތެރޭގައި މިތިން ގައުމުން 12 ބިލިޔަން އެމެރިކާ ޑޮލަރުގެ އެހީއެއް މިސްރަށް ދިނުމަށްވަނީ ހަމަޖައްސާފައެވެ. އަދި ފަސް ބިލިޔަން ޑޮލަރު މިސްރުގެ މަރުކަޒީ ބޭންކަށް ވަނީ ޖަމާކޮށްދީފައެވެ.
މިސްރުގެ ރިޔާސަތު ކާމިޔާބު ކުރުމަށް އަބްދުލް ފައްތާހް އައްސީސީ ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި މިސްރުގައި ހަމަޖެހުން ގާއިމްކޮށް އިދިކޮޅު އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ ސިޔާސީ ބާރު ކަނޑުވާލުމާއި އިގްތިސާދީ ބޮޑެތި އިސްލާޙްތަކެއް ގެނެސް މިސްރުގެ ހީނަރުވެފައިވާ އިގްތިސާދު ވަރުގަދަކޮށް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދިނުން ހިމެނެއެވެ. ނަމަވެސް މިސްރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ރައްޔިތުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ވެސް ރިޔާސީ އިންތިޚާބުގައި ވޯޓު ލާފައި ނުވާތީ މިސްރަށް ހަމަޖެހުން ގެނައުމުގައާއި އިދިކޮޅު އިޚްވާނުލްމުސްލިމޫން ޖަމާއަތާ ކުރިމަތިލުމުގައި ސީސީއަށް ކާމިޔާބު ހާސިލް ކުރެވިދާނެ މިންވަރާމެދު ވަނީ ސުވާލު އުފެދިފައެވެ. (ރޮއިޓާސް)