ނުއަގުގައި ފޯނު ވިއްކަން އުޅުނު މީހަކު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ރަބަރު ޕެކެޓަކާއި އެކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ދިލްބަހާރު މަގު މަރިޔަމް ކެފޭ ކުރިމަތިން ހައްޔަރުކޮށްފައި ވަނީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނީ އާންމު ފަރާތަކުން ފުލުހުންނަށް ދިން މަޢުލޫމާތަކާ ގުޅިގެން މާފަންނު ޕޮލިސް ސްތޭޝަނުން އެސަރަހައްދަށް ގޮސް އޭނާ ބަލައި ފާސްކޮށްފައިވަނީ މިއަދު މެންދުރު 12:30 އެހައިކަށްހާއިރު ކަމަށެވެ.

އޭނާ ބަލައި ފާސްކުރިއިރު އޭނާގެ އަތުން ސޮނީ އެކްޕީރިއާ ޒެޑް ފޯނަކާއި ސެމްސަންގް ގެލެކްސީ އެސް ތްރީ ފޯނެއް ވަނީ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ފެނުމާއެކު އޭނާ އަތުގައި އޮތް މަސްތުވާ ތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ޕެކެޓް އޭނާ ބިންމައްޗަށް ވައްޓާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑްރަގް އެންފޯސް މަންޓް ޑިޕާޓްމަންޓުން މިމައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.