01 Jun 2014, 22:39
ފީފާ ވޯލްޑް ކަޕްގެ ބްރޯޑްކާސްޓިން ރައިޓްސް ހޯދުމާ ބެހޭގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އިން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ބަދުނާމު ވާ ގޮތަށް، ވާހަކަ ދައްކާފައި ވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
ޓީވީ މޯލްޑިވްސްގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި އެމްބީސީގެ ޗެއާމަން އިބްރާހީމް އުމަރު މަނިކު ވިދާޅުވީ މެޗުތައް ދެއްކުމުގެ ރައިޓްސް 190،000 ޑޮލަރަށް ގަނެފައިވާ ކަމަށާއި އެހާ އަގުބޮޑުކޮށް އެ ރައިޓްސް ގަންނަން ޖެހުނީ ހިލޭ ލިބޭގޮތް ނުވުމުން ކަމަށެވެ.
ހިލޭ ހޯދުމަށް ޓަކައި، ރާއްޖޭގެ އެއްވެސް ފަރާތަކުން ރައިޓްސް ހޯދާފައި ވޭތޯ ބެލުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާ އެކު ތިން މަސް ދުވަހު މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް އެކަމުގައި އެއްވެސް ގޮތެއް ނުހޯދުމުން އެންމެ ފަހުން އެމްބީސީން އެ ރައިޓްސް ގަތީ ކަމަށް މަނިކު ވިދާޅުވި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފީފާ ވޯލްޑްކަޕްގެ ބްރޯޑްކާސްޓިން ރައިޓްސް ހޯދަފާނެ ކަމަށް އެމްބީސީން އެންމެ ބޮޑަށް ލަފާކުރީ މީޑިއާނެޓުން ކަމަށް ވާތީ، މީޑިއާނެޓާ އެކު އެމްބީސީ އެއް މޭޒެއް ދޮށުގައި މަޝްވަރާ ކުރުމަށް އެ ކޮމިޝަނުގައި ބޭއްވި ބައްދަލުވުމަށް އެމްބީސީން އެއްބާރުލުން ނުލިބުމުގެ ސަބަބުން އެ ބައްދަލުވުން ކުރިއަށްގެންދެވޭ ގޮތް ނުވިކަމަށެވެ.
ވޯލްޑްކަޕްގެ ރައިޓްސް ހޯދުމުގައި ފަހުން ނުކުމެދާނެ ކަމަށް އެމްބީސީން ބުނާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ފިނޭންސް މިނިސްޓްރީއާ އެންޓި ކޮރަޕްޝަން ކޮމިޝަނާއެކު ބައްދަލުވުމެއް ހަމަޖެއްސުމަށް އެ ކޮމިޝަނުން އިސް ނެގުމުން، އެއީ މުހިންމު ކަމެއް ނޫން ކަމަށް އެމްބީސީން ބުނެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ބްރޯޑްކާސްޓިން ކޮމިޝަނުން އަބަދުވެސް މަސައްކަތް ކުރާނީ އެމްބީސީއާއި އަދި ރާއްޖޭގެ އެހެނިހެން ބްރޯޑްކާސްޓަރުންނަށާއި ރީ ބްރޯޑްކާސްޓަރުންނަށް ވެސް ގާނޫނާއި ގަވައިދުގެ ތަރަހައިގެ ތެރޭގައި ހަމަހަމަ ކަމާ އެކު އެހީތެރިވެ އެއްބާރުލުން ދިނުމަށް ކަމަށެވެ.