މިއަދުން ފެށިގެން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ފޯރުކޮށްދެމުން ދާ ބައެއް ހިދުމަތްތައް ލިބިގަންނަ ފަރާތަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އެއްވެސް ފައިސާއެއް ދައްކަންޖެހި، ނުދައްކައި ވާ ފަރާތެއްތޯ ބެލުމަށްފަހުގައި މެނުވީ ހިދުމަތް ނުދިނުމަށް އިމިގްރޭޝަނުން ހަމަޖައްސައިފި އެވެ.

އިމިގްރޭޝަނުން މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހު އާއްމުކުރި އިއުލާނުގައިވާ ގޮތުން، އެ އުސޫލުގެ ދަށުން ހުއްޓާލެވޭ ހިދުމަތްތަކުގެ ތެރޭގައި ބިދޭސީން ގެނައުމަށް ކޯޓާ ދޫކުރުމާއި، ވަޒީފާ އަދާކުރާ ބިދޭސީންނަށް އެމްޕްލޮއިމަންޓް އެޕްރޫވަލް ދޫކުރުމުގެ އިތުރުން ބިޒްނަސް ވިސާ ދޫކުރުން ހިމެނެ އެވެ. އަދި އެކި ފަރާތްތަކުން ސްޕޮންސާކޮއްގެން ރާއްޖެ އަށް އެތެރެވާ ބިދޭސީން ގެނައުމުގެ ކުރިން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ބަހައްޓާ ފައިސާ ރީފަންޑް ކުރުން ވެސް ހުއްޓާލާ ހިދުމަތްތަކުގެ ތެރޭގައި ހިމެނެ އެވެ.

މީރާ އިން ބުނީ ފައިސާ ނުދައްކާ ފަރާތްތަކާ މެދު މިފަދަ ފިޔަވަޅުތައް އަޅާނީ ދައުލަތަށް ދައްކަންޖެހޭ ފައިސާ ކަނޑައެޅިފައިވާ ތާރީހުގައި ނުދެއްކުމާ ގުޅިގެން މީރާ އިން އެ ފަރާތަށް ފޮނުވަން ޖެހޭ ހުރިހާ ނޯޓިސްއެއް ފޮނުވުމަށް ފަހުގައި ކަމަށެވެ. އަދި އެފަދަ ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދައްކައިފި ނަމަ އެފަރާތްތަކާ މެދު އެޅިފައިވާ ފިޔަވަޅު ވަގުތުން ނިމުމަކަށް ގެނެވޭނެ ކަމަށް ވެސް މީރާ އިން މައުލޫމާތު ދެއެވެ.

މީރާ އަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކައި ވާފަރާތެއް ނަމަ އެކަމަށް ދުރާލާ ސަމާލުކަން ދެއްވުމަށާއި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ގަވާއިދުން ދައްކަމުން ދިއުމަށް ޓެކްސް ދައްކާ ފަރާތްތަކަށް އެ އޮތޯރިޓީން އިލްތިމާސް ކުރެ އެވެ.