01 Jun 2014, 21:39
އުމުރުން 13 އަހަރުގެ ނުކުޅެދޭ އަންހެން ކޮއްކޮއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެ ކުއްޖާގެ ބޭބެގެ ބަންދުގެ މުއްދަތު 15 ދުވަހަށް ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ނުކުޅެދޭ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް އިތުރު ކުރީ، މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
ކ. އަތޮޅު ރަށެއްގައި ނުކުޅެދޭ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އެމީހާ ހައްޔަރުކުރީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ. އެފަހަރު ވެސް ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
އެކުއްޖާގެ އާއިލާއިން ވާހަކަ ދެއްކި މީހަކު ބުނީ، އުމުރުން 24 އަހަރުގެ އެ ފިރިހެން މީހާ ކުއްޖާއަށް ތަފާތު އެކި ފަހަރު މަތިން ޖިންސީ ގޯނާ ކޮށްފައި ވާ ކަމަށެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯޯނާ ކުރުމުގެ ތުހުމަތުގައި 39 އަހަރުގެ ފިރިހެނަކު އިއްޔެވެސް ވަނީ ރ. އަތޮޅުގެ ރަށަކުން ހައްޔަރު ކޮށްފައެވެ.