02 Jan 2011, 13:06
ދައުލަތުގެ މުއައްސަސާތަކުގެ މުސާރައިގެ އޮނިގަނޑު ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިރު ސިވިލް ސާވިސް ކޮމިޝަން ]ސީއެސްސީ[ގެ މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް އިތުރުކޮށްފައިނުވާ ކަމަށް އަންގައި އެ ކޮމިޝަނުން ސާކިއުލާއެއް ނެރެފި އެވެ.
މިއަދު ނެރުނު އެ ސާކިއުލާގައި ބުނަނީ "މިނިވަން މުއައްސަސާތަކުގެ މުސާރަތަކަށާއި އިނާޔަތްތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށް ދޭހަވާ އިބާރާތުން މައުލޫމާތު ފެތުރިގެން ގޮސްފައިވާތީ އެކަމުގެ ސަބަބުން އާއްމު ފަރާތްތަކަށް ކަމުގެ ހަގީގަތް އޮޅެމުންދާ" ކަމަށެވެ.
އަދި މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުގެ ސަބަބުން ސީއެސްސީގެ މެމްބަރުންގެ މުސާރަ އަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަމަށާއި އެކަމުގެ ސަބަބުން މެމްބަރުންގެ ބައެއް އިނާޔަތްތައް އުނިވީ ކަމަށް އެ ކޮމިޝަނުގެ ސާކިއުލާގައިވެ އެވެ.
ނަމަވެސް، އެހެނިހެން ޚިދުމަތްތަކުގައި ތިއްބަވާ މުވައްޒަފުންގެ ނިސްބަތުން އަދުލުވެރި އިންސާފުވެރި މުސާރަ އާއި އިނާޔަތް ސިވިލް ސާވިސް ކޮމިޝަނަށާއި ސިވިލް ސާވިސް މުވައްޒަފުންނަށް ހަމަޖެއްސުމަށްޓަކައި ކެނޑިނޭޅި މަސައްކަތްކުރާނެ ކަމަށް ވެސް އެ ސާކިއުލާގައި ބުނެފައިވެ އެވެ.
ސިވިލް ސާވިސް ކޮމިޝަނުން މިއަދު ނެރެނު އިތުރު ސާކިއުލާއެއްގައި ވަނީ، މުސާރައިގެ އޮނިގަނޑާ މެދު ހިތްހަމަނުޖެހިގެން ސިވިލް ސާވަންޓުން އެއްވެ އުޅުމާއި މުޒާހަރާކުރުމަކީ "ސިވިލް ސާވަންޓުންގެ ޕްރޮފެޝަނަލިޒަމްއާ މެދު ބަޔަކު ސުވާލު އުފައްދާނެ" ކަމެއް ކަމަށް ވާތީ، އެފަދަ ހަރަކާތްތަކުގައި ބައިވެރިވާއިރު "ސިވިލް ސާވަންޓުންގެ އަމަލުތައް ވީހާ ވެސް ގަދަރުވެރިކަމާއި ހުރިހާ ފަރާތެއްގެ ވެސް އިހުތިރާމް ލިބޭ ގޮތަށް ޤާނޫނީ ހަމަތަކަށް ފެތޭ ގޮތަކަށް ބެހެއްޓުމަށް" އިލްތިމާސްކޮށްފަ އެވެ.
ކޮމިޝަނުން އެ ސާކިއުލާތައް ނެރެފައި މިވަނީ، މުސާރައިގެ މައްސަލައަށް ހައްލު ހޯދިފައިނުވާތީ މަސައްކަތް ހުއްޓާލައި ހަފްތާ އަކަށް އިހުތިޖާޖުކުރުމަށް ނިންމާފައިވާ ކަމަށް ސިވިލް ސާވަންޓް އެސޯސިއޭޝަން އިން މިއަދު ބުނިތާ މާ ގިނަ އިރުތަކެއް ނުވަނީހެވެ.
މިނިވަން މުއައްސަސާތަކާއި އަދި މަޖިލިސް މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކޮށް، މުސާރައިގެ އޮނިގަނޑު މަޖިލީހުން ފާސްކުރުމާ ގުޅިގެން ސިވިލް ސާވަންޓުން ވަނީ އިތުރަށް އަޑުގަދަކުރަން ފަށައިފަ އެވެ. އެގޮތުން މިދިޔަ ބުރާސްފަތު ދުވަހު މަޖިލިސް ކަރިއަށް އެއްވެ، ސިވިލް ސާވަންޓުންގެ މުވައްޒަފުންތަކެއް ވަނީ މުސާރަ ދިނުމުގައި ސިވިލް ސާވަންޓުންނާ މެދު ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުމަށް ގޮވާލައި މުޒާހަރާކޮށްފަ އެވެ.