އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އަދި ނައިބު ލީޑަރަކަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އިންތިޚާބުކޮށްފިއެވެ.

މިއަދު ހަވީރު އެމްޑީޕީ އޮފީހުގައި ބޭއްވި އިންތިޚާބުގައި އެ ދެ ބޭފުޅުންވެސް އިންތިހާބުވެވަޑައިގެންވީ އިންތިޚާބުގައިވޯޓު ދެއްވި 20 މެންބަރުންގެ އިއްތިފާގުންނެވެ. އެ ދެ މަގާމަށް ކުރިމަތިލެއްވީ އެ ދެ ބޭފުޅުން އެކަންޏެވެ.
އިންތިޚާބަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ އެންމެ ބޮޑަށް މަސައްކަތްކުރާނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކަމަށެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---- ސަން ފޮޓޯ: ފަޔާޒު މޫސާ

"އަޅުގަނޑުމެންގެ އެންމެ މުހިންމު މަސައްކަތަކަށްވާނީ ސަރުކާރު ޖަވާބުދާރީ ކުރުވުން. ސަރުކާރުން އިންތިޚާބުގަ ވެފައިވާ ވައުދުތައް ފުއްދަނީ ކިހިނެތްތޯ ބަލާ އޭގައި ގާނޫނާއި ގަވައިދާއި އެއްގޮތަށް ކަންކަން ކުރުވަން އަޅުގަނޑުމެން އަމާޒު ކަމުގަ ހަދާނަން،" އިބޫ ވިދާޅުވިއެވެ.

މިއަދު ވަނީ އެމްޑީޕީ ޕާލެމެންޓްރީ ގުރޫޕްގެ ސެކްރެޓަރީ ޖެނެރަލަކު ހޮވުމުގެ އިންތިޚާބުވެސް ބާއްވާފައެވެ. އެ މަގާމަށް އިންތިޚާބުވެފައި ވަނީ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ. އޭނާއަށް ލިބިވަޑައިގަތީ 18 ވޯޓެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ސެކްރެޓަރީ ޖެނެރަލް ކަމަށް އިންތިޚާބުވި ބިގޭ ވޯޓުލައްވަނީ ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގައި ޖުމްލަ 25 މެމްބަރުން ހިމެނޭއިރު، އޭގެތެރެއިން ފަސް މެމްބަރުން މިއަދުގެ އިންތިޚާބުގައި ބައިވެރިވެވަޑައި ނުގަންނަވައެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ކަމަށް ދެ މެންބަރުން އިންތިޚާބު ކުރަން ޖެހުން ނަމަވެސް އެ މަގާމަށް ކުރިމަތިލައްވާފައިވަނީ ރޮޒައިނާ އެކަންޏެވެ. އަދި ޕާލަމެންޓްރީ ގްރޫޕްގެ ސެކްރެޓަރީ ޖެނެރަލްގެ ނާއިބު ކަމަށް ވެސް އެއްވެސް ބޭފުޅަކު ކުރިމަތިލައްވާފައެއް ނުވެއެވެ.
މިއަދު ބޭއްވި އިންތިޚާބުގައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ރުކުމާ ވޯޓު ލައްވަނީ ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ޕާލަމެންޓްރީ ގްރޫޕްގެ ވިޕުންގެ މަގާމަށް ވެސް އެއްވެސް ބޭފުޅަކު ކުރިމަތި ނުލައްވައެވެ. އެމްޑީޕީން ބުނީ ކުރިމަތިނުލާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލާނެ ކަމަށެވެ.
މިއަދު ބޭއްވި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ އިންތިޚާބުގެ ތެރެއިން ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާން