01 Jun 2014, 17:34
ހައްޖުގެ މާތް އަޅުކަން އަދާކުރުމަށް ދާން ބޭނުންވާ ފަރާތްތަކަށް ދުރާލާ ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް ހައްޖު ކޯޕަރޭޝަންއިން ނިންމައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހައްޖު ކޯޕަރޭޝަންގެ ޗީފް އޮފިސަރ ޔޫސުފް ނައީމް ވިދާޅުވީ "ވޮލަންޓްރީ ސެލެރީ ޑިޑަކްޝަން" ސުކީމުގެ ދަށުން ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ މުއައްޒިފުންނަށް އެމީހުންގެ މުސާރައިން ފައިސާ ކެނޑޭގޮތަށް ހައްޖަށް ދިއުމަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.
"މިސުކީމުގައި މިއަޮންނަ ގޮތަކީ އެބޭފުޅަކު ބޭނުންވަރަކަށް މުސާރައިން ފައިސާ ކެނޑޭ ގޮތަށް މިއޮންނަނީ، އެގޮތުން ފަސް އަހަރު ފަހުން ހައްޖަށް ދާން ބޭނުންނަމަ މިދައްކަންޖެހެނީ 1500ރ. މަހެއްގެ މައްޗަށް،" ނައީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެސުކީމް މަހެއްހާ ދުވަހުގެ ތެރޭގައި ތައާރަފް ކުރެވިގެންދާނެ ކަމަށެވެ.
ހައްޖު ކޯޕަރޭޝަނުން މިހާރު ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން އެކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ވިދާޅުވީ އަންނަ އަހަރަށް ހައްޖަށް ގެންދިއުމަށްވެސް އެކޯޕަރޭޝަންގެ ކޯޓާތައް ފުލްވެފައިވާ ކަމަށެވެ. އަދި މިއަހަރު މީހުން ހައްޖަށް ގެންދިއުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކޯޕަރޭޝަންގެ ހަވާލުގައި މިފަހަރު ހައްޖަށްދާ 400 މީހުން ހައްޖަށް ދިއުމަށް ނިންމާފައިވަނީ މެގަ މޯލްޑިވުސްގެ ފުލައިޓް ތަކުގައި ކަމަށެވެ. މި ރޯދަ މަހު އެކޯޕަރޭޝަންގެ ހަވާލުގައި 50 ފަރާތަކުން އުމުރާގެ އަޅުކަމަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ލިބޭ ކޯޓާގެ ތެރެއިން 50 ޕަސެންޓް ކޯޓާ ކޮންމެ އަހަރަކުވެސް ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.