01 Jun 2014, 15:50
ތިމާވެށި ރައްކާތެރި ކުރުމުގެ މަޝްރޫއުތަަަކަށް ފައިސާގެ އެހީ ދޫކުރުން އަވަސް ކޮށްދެއްވުމަށް ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ (ޖީއީއެފް) އެސެމްބްލީގައި، އެންވަޔަރަމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމް އިލްތިމާސް ކުރައްވައިފި އެވެ.
މެކްސިކޯގެ ކަންކޫގައި މެއި މަހު 28 އިން 30 އަށް ކުރިއަށް ދިޔަ ފަސް ވަނަ ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ (ޖީއީއެފް)ގެ ފަސް ވަނަ އެސެމްބްލީގައި ދެކުނު އޭޝިއާގެ ދިވެއްހިރާއްޖެ ހިމެނޭ ސަރަހައްދުގެ ގައުމުތަކުގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ އެންވަޔަރަމަންޓް މިނިސްޓަރު ތާރިގް އިބްރާހިމެވެ.
ޖީއީއެފް އެސެމްބްލީގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ގައުމުތަކުން ޖީއީއެފަށް ހުށަހަޅާ މަޝްރޫޢުތައް ރާވައި ހިންގުމުގެ އުސޫލު ހަރުދަނާ ކުރުމަށާއި މަޝްރޫއުތައް ފާސްކޮށް ފައިސާގެ އެހީ ދޫކުރުމުގެ އިންތިޒާމު މިހާރަށްވުރެ އަވަސް ކޮށްދެއްވުމަށް އިލްތިމާސް ކުރެއްވި ކަމަށެވެ.
އެ އެސެމްބްލީގައި ވަނީ ދުނިޔޭގެ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރަންޖެހޭ މަސައްކަތްތައް ކުރުމަށް 2014 އިން 2018 އަށް ޖީއީއެފްއަށް ބޭނުންވާ ފައިސާގެ ކަންތައް ހަމަޖައްސާފަ އެވެ.
އެ އެސެމްބްލީއަށްފަހު ޖީއީއެފްގެ ޗެއާމަން އާއި އަދި ޗީފް އެގްޒެކްޓިވް އޮފިސަރާ ބައްދަލުކޮށް ރާއްޖޭގައި މިހާރު ކުރިއަށްދާ ޖީއީއެފްގެ މަސްރޫއުތަކާއި ބެހޭ މައުލޫމާތު ދެއްވި ކަމަށެވެ. އަދި ހާއްސަކޮށް މިހާރު ޔުނެސްކޯ ހެރިޓޭޖް ސައިޓެއްގެ ދަރަޖަ ލިބިފައިވާ ބ. އަތޮޅުގެ ބައޯސްފިއާ ރިޒާވް އާއި ބެހޭ މައުލޫމާތު އެބޭފުޅުންނާއި ހިއްސާ ކުރެއްވި ކަމަށެވެ.
ޖީއީއެފް އެސެމްބްލީއަކީ ކޮންމެ ހަތަރު އަހަރަކުން ބާއްވާ ބައިނަލްއަގުވާމީ ތިމާވެށީގެ އެންމެ ބޮޑު އެއް ސަމިޓެކެވެ.
ޖީއީއެފްގައި ދެކުނު އޭޝިއާ ކޮންޓިޓުއަންސީގައި ހިމެނެނީ ރާއްޖޭގެ އިތުރުން ބަންގުލަދޭޝް ބޫޓާން އިންޑީއާ ނޭޕާލް އަދި ސްރީލަންކާ އެވެ.
ރާއްޖެއިން ޖީއީއެފްގެ މެމްބަރަކަށް ވެފައިވަނީ 1994 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ. އަދި މިހާތަނަށް ތިމާވެށީގެ އެކި ކަންކަން ހައްލު ކުރުމށް ޖީއީއެފްގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް 15 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެ އެވެ.