01 Jun 2014, 15:17
މަޖީދިއްޔާ ސްކޫލުގެ ތެރޭގައި ބާވެ ހަލާކުވެފައި ފެންނަން އެހެރަ މުސްކުޅި އިމާރާތަކީ އެސްކޫލުގެ އެއް މާލަމެވެ. ބިނާކުރިތާ 63 އަހަރަށް ވުރެ ގިނަ ވެފައިވާ އެ އިމާރާތަކީ ރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލް ކަމަށްވާ މަޖީދިއްޔާގެ ދަރިވަރުން އިމްތިހާނުތަކާއި އެނޫން ވެސް މުހިއްމު ކަންތައްތަކަށް ބޭނުންކުރާ ތަނެކެވެ. ރާއްޖޭގެ ތައުލީމަށް މުހިއްމު މަސައްކަތްތަކެއް އެއިމާރާތުގައި ކޮށްފައި ވެއެވެ.
އެތަނުގައި ތައުލީމު ހާސިލުކުރެއްވުމުގެ މަސައްކަތްޕުޅުތައް ކުރެއްވި މުހިއްމު ބޭފުޅުންގެ ތެރޭގައި ރާއްޖޭގައި މިހާރު ދުނިޔޭގައި ތިއްބެވި ކުރީގެ ރައީސުން ކަމަށްވާ މައުމޫނު އަބުދުލް ގައްޔޫމާއި މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވައެވެ. ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމަކީ ވެސް މަޖީދިއްޔާގެ އިސް ދަރިވަރެއްގެ ހައިސިއްޔަތުން ދާރުލް އުލޫމުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެބޭފުޅުންގެ ތައުލީމީ ހަޔާތްޕުޅު ދާރުލް އުލޫމާ ގުޅިފައިވާ އަސްކަރީ މުހިއްމު ބޭފުޅުންގެ ތެރޭގައި 1988 ވަނަ އަހަރުގެ ބަޣާވާތް ނާކާމިޔާބު ކޮށްލެއްވުމުގައި މުހިއްމު ދައުރެއް އަދާކުރެއްވި، ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލު ހިމެނިވަޑައިގަންނަވައެވެ. ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމަކީ ވެސް އެތަނުގައި ކިޔަވައި ވިދާޅުވި ބޭފުޅެކެވެ.

ތާރީޚީ ގޮތުން ބަލާއިރު އެތަނުގެ މުހިންމުކަން އަދި މިއަށް ވުރެ ބޮޑެވެ. ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނު ރައީސްކަމުގެ ހުވައި ކުރެއްވީ އެތަނުގައެވެ. ރާއްޖޭގެ ދެކުނުގައި އުފެދުނު ހަމަނުޖެހުން ނައްތައިލެއްވުމަށް ސަރުކާރަށް ބާރުދިން އެއްބަސްވުން "އޯލް ޕޯޓް ނާސިރު އެގްރީމެންޓް" ގައި ސޮއިކުރީ ވެސް އެތާނގައެވެ. މީގެ އިތުރުން ވެސް ތާރީޚީ ގިނަ ރަސްމިއްޔާތުތަކެއް އެތަނުގައި ބާއްވާފައި ވެއެވެ. ކުރުގޮތަކަށް ބުނާ ނަމަ ދާރުލް އުލޫމާއި އެއާ ޖެހިގެން ހުރި ކުރިބޯށި އިމާރަތަކީ އެއީ ރާއްޖެ ތަހުޒީބުވަމުން އައި ދުވަސްވަރު ސިޓީހޯލެއްގެ ގޮތުގައި ބޭނުންކުރި ދެއިމާރާތެވެ.
ތައުލީމީ ދާއިރާއިންނާއި ތާރީޚީ ގޮތުން މުހިއްމު އެއިމާރާތް މިހާރު ހުރި ހާލަތު ސަންގެ ނޫސްވެރިން ވަނީ އިއްޔެ ބަލާފައެވެ.
ދިވެހި ތާރީޚާށް ޓަކައި ރައްކައުތެރިކޮށް ދަމަހައްޓަން ޖެހޭ އެއިމާރާތް މިހާރު ހުރީ މީހުން ނޫޅެ ދޫކޮށްލާފައިވާ ބާ އިމާރާތެއް ވެސް ހުންނާނެ ފަދަ ހާލަތުގައެވެ.

އަމީރު އަހުމަދު މަގާވީ ފަރާތުން އެއިމާރާތުގެ އަސްކަނީގެ ޝީޓުން ( އުވައިން ހަދާފައިވާ ޝީޓުން) ނިކަގަހެއް ފަޅައިގެން ހެދެމުން އެބަދެއެވެ. މަޖީދިއްޔާގެ ބައެއް މުދައްރިސުން ބުނީ އެގަސް އުފުރާލައިފިއްޔާ ޝީޓްގެ އެބައި ވެއްޓޭނެ ކަމަށެވެ.
" ... އެގަސް އުފުރާލައިފިއްޔާ އެޝީޓް ބޮލަށް ވެއްޓޭނެ. އެހެންވެ، އުފުރައި ނުލައި ބަހައްޓާފައި އެހެރީ،" ނަން ހާމަކުރަން އުޒުރުވެރިވާ އެޓީޗަރު ބުންޏެވެ.
ނިކަގަސް ފަޅާފައި ނެތަސް ޝީޓްގެ އެހެން ދިމަދިމާ ވެސް އޮތީ ހަމަ އެފަދަ ހާލެއްގައެވެ. އެތަންތަނުން ހޯލުގެ ތެރެއަށް ވާރޭ ވެސް ވެހެއެވެ. ބައެއް ދިމަ ދިމާއިން އުވަގަނޑު ވަނީ ކަނޑައިގެން ގޮސްފައެވެ. ވެއްޓޭނީ ކޮން އިރަކު ކަމެއް ނޭންގޭ އިރު މަޖީދިއްޔާގެ ދަރިވަރުން އަދި ވެސް އެތަން އަންނަނީ ބޭނުން ކުރަމުންނެވެ. އިމްތިހާނުތައް ހެދުމަށް އަދި ވެސް ބޭނުން ކުރަނީ އެއިމާރާތެވެ.
" ވާރޭ ވެހޭ ނަމަ މުޅި ތަނުގެ ތެރޭގައި ބާލިދީއާއި ފުޅިބުރިތައް އަތުރަން ޖެހޭ. ހޯލްތެރޭގައި އުޅެން ޖެހެނީ ކުޑަ އަޅައިގެން،" މަޖީދިއްޔާގެ އެހެން ޓީޗަރަކު ބުންޏެވެ. އިމްތިހާނެއް ހިނގަމުން ދިޔަ އިރު ކުޑަ އަޅައިގެން ޓީޗަރުން ހަރަކާތްތެރިވާ މަންޒަރު ފެންނަ ފޮޓޯއެއް ވެސް ސަން އަށް ވަނީ ލިބިފައެވެ.

މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލް ޝީޒާ އަލީ ވިދާޅުވީ ދާރުލް އުލޫމު އިމާރާތް މަރާމާތު ކުރުމަށް ސްކޫލުން ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"... އެތަން މަރާމާތު ކުރުމަށް އަޅުގަނޑުމެން ކުރަން ޖެހޭ މަސައްކަތްތައް އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން އަޅުގަނޑުމެން މިއަންނަނީ ކުރަމުން،" ޝީޒާ ވިދާޅުވިއެވެ.
ހެރިޓޭޖް ޑިޕާޓްމެންޓުން ބުނީ ދާރުލް އުލޫމަކީ ސީދާ އެޑިޕާޓްމެންޓްގެ ބެލުމުގެ ދަށުގައި ހުރި ތަނެއް ނޫން ކަމަށެވެ. ނަމަވެސް އެއީ ތާރީހީ ބިނާއަކަށް ވާތީ އެތަން މަރާމާތު ކުރުން ފަދަ ކަންކަމުގައި އެޑިޕާޓްމެންޓުން ލަފާ ދޭން ޖެހޭ ކަމަށެވެ.

" ... ދާރުލް އުލޫމަކީ އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ހުންނަ ތަނެއް ނޫން. އެތަން މަރާމާތު ކޮށް ބެލެހެއްޓުމަކީ މަޖީދިއްޔާ ސްކޫލުން ކުރަން ޖެހޭނެ ކަމެއް. ދެން އެތަން އެހާ ބޮޑަށް ވީރާނާވެ ދާ ކަމަށް ވަންޏާ އަޅުގަނޑުމެން ޖެހޭނީ އެބޭފުޅުންނާ ވާހަ ދައްކައިގެން ކުރިއަށްދާން،" ހެރިޓޭޖް ޑޕާޓްމެންޓްގެ ޑިރެކްޓަރް ޖެނެރަލް އަލީ ވަހީދު ވިދާޅުވިއެވެ.
މިކަމާ ބެހޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް އަދި ވަނީ ނުލިބިއެވެ. އެއިމާރާތް މަރާމާތުކުރާނީ ކަމެއް ނުވަތަ އެއިމާރާތް ނައްތާލާނީކަމެއް އަދި ކަށަވަރެއް ނުކުރެވެއެވެ. ނަމަވެސް ތާރީހީ ގޮތުން ބަލާއިރު އެއީ އިންތިހާއަށް މުހިއްމު އިމާރާތެކެވެ.