މަޖިލީހުގެ ދާއިމީ ކޮމެޓީތަކަށް މެމްބަރުން އައްޔަން ކުރުމަށް މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ މަޖިލީހުގެ މިއަހަރުގެ ދެ ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 9:00 ގައި ކަމަށެވެ. އެ ޖަލްސާގެ އެޖެންޑާގައި މަޖިލީހުގެ ގަވާއިދު އެކުލަވާލުމާބެހޭ އައިޓަމަކާއި މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމާބެހޭ އައިޓަމް ހިމެނޭ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.

ސިޔާސީ ޕާޓީތަކުގެ މަޖިލިސް މެމްބަރުންނާއި މިނިވަން މެމްބަރުންނާއެކު މަޖިލީހުގައި ހިމެނެނީ 13 ކޮމެޓީ އެވެ. އެއީ އާންމު ކޮމެޓީ އާއި ޕެޓިޝަން ކޮމެޓީ އާއި އިމްތިޔާޒު ކޮމެޓީ އާއި ސުލޫކީ ކޮމެޓީ އާއި ގަވާއިދު ކޮމެޓީ އާއި މާލިއްޔަތު ކޮމެޓީ އާއި އިގްތިސާދީ ކޮމެޓީ އާއި އިޖުތިމާއީ ކޮމެޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) އާއި މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އާއި ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީ އާއި ގައުމީ ތަރައްގީގެ ކޮމެޓީގެ އިތުރުން ގައުމީ ސަލާމަތު ކޮމެޓީ އެވެ.

އެއިން ކޮންމެ ކޮމެޓީއެއްގައި ހިމެނޭނީ 11 މެމްބަރުންނެވެ. މަޖިލީހުގެ ގަވާއިދުގެ 111 ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ މަޖިލިސް އަލަށް އެކުލަވާލުމަށްފަހު ހިނގާ ފުރަތަމަ ދެ ހަފްތާ ތެރޭގައި ދާއިމީ ކޮމެޓީތަކަށް މެމްބަރުން އިންތިހާބު ކުރާންވާނެ ކަމަށެވެ.

މަޖިލީހުގެ ކޮމެޓީތައް އެކުލަވާލަނީ މަޖިލީހުގައި ޕާޓީތައް ތަމްސީލު ކުރައްވާ މެމްބަރުންގެ ނިސްބަތަށް ބަލައިގެންނެވެ. މަޖިލީހުގައި އެންމެ ގިނަ މެމްބަރުން ތަމްސީލު ކުރައްވާ ޕާޓީތަކަށް ކޮމެޓީތަކުގެ މެޖޯރިޓީ ލިބޭނެ އެވެ. ކޮމެޓީތަކަށް މެމްބަރުންގެ ނަން ހުށަހަޅާނީ އެ މެމްބަރަކު ތަމްސީލު ކުރައްވާ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރެވެ. މިނިވަން މެމްބަރުންގެ މަސްލަހަތު ހިމާޔަތް ކުރާނީ މަޖިލީހުގެ ރައީސް ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެ އެވެ.