ކޮންސްޓްރަކްޝަން ކުންފުންޏެއްގެ އޮފީހަކުން ވައްކަން ކުރި މީހަކު ހަ އަހަރާއި އެއް މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ މ. ގިރިޓީގޭ މުހައްމަދު ލަތީފް 2011 ވަނަ އަހަރުގެ ޖުލައި 24 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ބެޗް ކޮންސްޓްރަކްޝަން އޮފީހުގެ ބެލްކަނީ ދޮރު ހަލާކުކޮށްލައިގެން ވަދެ އެ އޮފީހުން ވައްކަން ކޮށްފައިވާކަން އޭނާގެ އިއުތިރާފުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

މިއީ އޭނާގެ މައްޗަށް ވައްކަންކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވި ފުރަތަމަ ފަހަރު ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ. އަދި އޭނާ ވަގަށް ނެގި ތަކެތީގެ އަގު ކަމަށް ދައުލަތުން ޝަރީއަތަށް ހުށަހަޅާފައި ވަނީ 49800 ރުފިޔާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.