ބްރޯޑްކާސްޓިންގް ކޮމިޝަނުން އެއްބާރުލުން ނުދިނުމުން، މި މަހުގެ 12 ވަނަ ދުވަހު ފަށާ ވޯލްޑްކަޕް ފުޓްބޯޅަމުބާރާތުގެ މެޗްތައް ވަގުތުން ދުރަށް ދެއްކުމުގެ ރައިޓްސް މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އިން ގަނެފި އެވެ.

އެމްބީސީގެ ޓީވީ މޯލްޑިވްސްގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި އެކޯޕަރޭޝަނުގެ ޗެއާމަން އިބްރާހީމް އުމަރު މަނިކު ވިދާޅުވީ މެޗްތައް ދެއްކުމުގެ ރައިޓްސް 190،000 ޑޮލަރަށް ގަތީ ހިލޭ ލިބޭގޮތް ނުވުމުން ކަމަށެވެ. ރައިޓްސް ހިލޭ ހޯދުމަށް ޓަކައި، ރައިޓްސް ރާއްޖޭގެ އެއްވެސް ފަރާތަކުން ހޯދާފައިވޭތޯ ބެލުމަށް މޯލްޑިވްސް ބްރޯޑްކާސްޓް ކޮމިޝަނާ އެކު ތިން މަސް ދުހު މަސައްކަތް ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެކަމުގައި އެއްވެސް ގޮތެއް ނުހޯދުމުން އެންމެ ފަހުން އެމްބީސީން އެ ރައިޓްސް ގަތީ ކަމަށް އޭނާ ވިދާޅުވި އެވެ.

".... ރީބްރޯޑްކާސްޓް ކުރުމުގެ ގަވައިދުގެ 38 ވަނަ މާއްދާގެ ހ. ގައި ވަރަށް ސާފުކޮށް ބުނެފައި އެބަ އޮތް ދިވެހި ރައްޔިތުންގެ ހާއްސަ ޝައުގެއް ހިމެނޭ އިވެންޓެއް ބްރޯޑްކާސްޓް ކުރުމުގެ ހައްގު އެއްވެސް ބްރޯޑްކާސްޓަރެއް ހޯދައިފި ނަމަ، ގާނޫނުން ކަނޑައަޅާފައިވާ ޕަބްލިކްސާވިސް ބްރޯޑްކާސްޓަރު އެ ލިސްޓެޑް އިވެންޓެއް ބްރޯޑްކާސްޓްކުރުމުގެ ހައްގު އެ ރިބްރޯޑްކާސްޓަރު އަގަކާ ނުލައި ފޯރުވައިދޭންވާނޭ. މިގޮތުން ފޯރުވައިދޭ ލިސްޓެޑް އިވެންޓެއް ބްރޯޑްކާސްޓްކުރުމުގައި ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރު ހޯދާ ވިޔަފާރީގެ ފައިދާއިން ، ދެފަރާތުން އެއްބަސްވާ 50 އިންސައްތަ އަށް އަށް ވުރެ މަދުނޫން އަދަދެއް ދޭންވާނޭ،" މަނިކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެގަވައިދު އެހެން އޮތީމާ ވޯލްޑްކަޕް ބްރޯޑްކާސްޓް ކުރުމުގެ ހައްގު އެއްވެސް ބަޔަކު ހޯދާފައި އޮތްތޯ ބަލައި ދިނުމަށް މީގެ ތިން މަސް ދުވަސް ކުރިން ފެށިގެން ބްރޯޑްކާސްޓިން ކޮމިޝަނުގައި އެމްބީސީން އެދުނު ކަމަށެވެ. އެގޮތަށް އެދުނީ އެކަން ކަށަވަރު ނުކޮށް އެރައިޓްސް ހިލޭ ލިބެން އޮތްކަން ނުވަތަ ނޫންކަން ކަށަވަރު ނުކޮށް ކުރިއަށް ދެވެން ނެތީމާ ކަމަށް ވެސް ވިދާޅުވި އެވެ.

".... އަޅުގަނޑުމެން ވެސް ހަމަ ރާއްޖޭގެ ގާނޫނީ އޮނިގަނޑުގެ ތެރޭގައި މަސައްކަތް ކުރަން ޖެހޭ ބައެއް. މާލިއްޔަތު ގާނޫނު އަދި އެހެން ވެސް އަޅުގަނޑުމެން ތަބާވާން ޖެހޭ ގާނޫނުތައް އެބަހުރި. ނަގާ ރައިޓެއް އަޅުގަނޑުމެންނަށް ހިލޭ ލިބިދޭން ޖެހޭނެ ކަމަށް ކަނޑައަޅާފައި އޮއްވައި ބޮޑު އަގެއް ދީފައި މިގަތުމަކީ އަޅުގަނޑުމެން އޭގެ ތެރޭގައި ދައުލަތަށް އެންމެ ފައިދާ ހުރި ގޮތް ނޫން ކަމަށް ބުނުމުގެ ފުރުސަތު އޮވޭ. އެހެންވެ މިމައްސަލާގައި އަޅުގަނޑުމެން އެންޓި ކަރަޕްޝަން ކޮމިޝަނާ ވެސް ބައްދަލުކުރިން. ބައްދަލުކުރީމާ އެ ބޭފުޅުން ވެސް ވިދާޅުވީ ގަވައިދުގައި މިހެން އޮތުމުން އެކަން ނޭނގި އެ ހަރަދުކޮށްފި ކަމަށް ވަންޏާ އެ މާއްދާގެ ދަށުން އެފުރުސަތު އެބަ އޮތޭ، " ވޯލްޑް ކަޕް ދުރަށް ދެއްކުމުގެ ރައިޓްސް ނުހޯދި ލަސްވި ސަބަބާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މަނިކު ވިދާޅުވި އެވެ.

މަނިކު ވިދާޅުވީ ވަގުތު ކުޑަތަންވީ ފަހުން އެމްބީސީން އެރައިޓްސް ގަނެފައި ވަނީ އޭސީސީ އާއި އެމްބީސީ އަށް ގާނޫނީ ލަފާދޭ ލޯ ފާމާ ވެސް މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. އެގޮތުން އެކަމުގައި އެމްބީސީ ގާނޫނާ ހިލާފު ނުވާނެކަން ކަށަވަރުކޮށްފައި ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ނަމަވެސް ވޯލްޑް ކަޕް ފެށެން މިހާ ކައިރިވީ ފަހުން އެކަން ހަމަޖެހުމުން ސްޕޮންސާ ހޯދުން ފަދަ ކަންތައްތަކަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށް ވިދާޅުވި އެވެ.

"...އަޅުގަނޑުމެން ދެން މިހިސާބަށް މަޝްވަރާ ކުރުމަށް ފަހު އަޅުގަނޑުމެން ދެން ނިންމީ، އޭސީސީއާ ވެސް މަޝްވަރާ ކުރުމަށް ފަހު ގާނޫނީ ޓީމާ ވެސް މަޝްވަރާ ކުރުމަށް ފަހު އަދި ބްރޯޑްކާސްޓް ކޮމިޝަނާ އަޅުގަނޑުމެން ކޮށްފައި ހުރި މުއާމަލާތްތައް ވެސް ސިޓީބިޓީ ވެސް ހުރިހާ ލިޔެކިއުންތަކުގެ އަލީގައި އަޅުގަނޑުމެން އޭސީސީ އަށް ވެސް މައްސަލަ ލީމު. ލުމާ އެކީގައި އެބޭފުޅުން ވެސް ވިދާޅުވީ ބޯޑުން ތިޔަކަމަށް ގޮތެއް ނިންމައިގެން ދިވެހި ރައްޔިތުންނަށް މި އިވެންޓް ފެންނާނެ ގޮތް ހެދުން ކުރިއަށް ގެންދާށޭ،" މަނިކު ވިދާޅުވި އެވެ.