ސަރުކާރު ހިންގާ ޕީޕީއެމްއާ އެކު ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ހަދާފައިވާ ކޯލިޝަން ރޫޅާލިޔަސް، ޕީޕީއެމާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ޖޭޕީ އަށް އެބަތޮތް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވި އެވެ.
~
މިނިވަން މެންބަރެއްގެ ގޮތުގައި އާ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލު ޕީޕީއެމް އަށް ސޮއިކުރެއްވި ރަަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ އެމަނިކުފާނު ވަރަށް އިހްތިރާމް ކުރައްވާ ބޭފުޅެއް ކަމަށާއި އެމަނިކުފާނުގެ ޕާޓީއާ ދޭތެރޭ މިހާރު ވެސް "ހިތްހެޔޮ" ކަމަށެވެ.

މަޖިލީހުގެ ރައީސް ކަމަށް ގާސިމް ކުރިމަތިލެއްވި ހިސާބުން ޖޭޕީއާ އެކު ސަރުކާރުން ހަދާފައިވާ ކޯލިޝަން އެގްރިމެންޓް ނިމުމަކަށް އައިސްފައި ވާތީ އެ ކަމަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ "ރޫޅޭ ކޯލިޝަނަކީ ދާއިމަށް ދުރުގައި ތިބެން ޖެހޭ ކަމެއް ނޫން،" ކަމަށެވެ.

"ޖޭޕީއާ ދޭތެރޭގައި އަޅުގަނޑާ ހަމާގައި އަދި އަޅުގަނޑު ޕާޓީއާ ހަމާގައި ހިތްހެޔޮ... މިހާރު ވެސް ފުރުސަތު މިއޮތީ. އަޅުގަނޑު ވަރަށް އިހްތިރާމް ކުރާ ބޭފުޅެއް ގާސިމް އިބްރާހިމަކީ. ޖޭޕީ އާއި އަޅުގަނޑުމެންނާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން،" ރައީސް ޔާމިން ވިދާޅުވި އެވެ.

ޖޭޕީގެ ސްލޮޓްތަކުގައި ވަޒީރުކަމުގައި ތިއްބެވި ބޭފުޅުން އަދިވެސް މަގާމުން ވަކިނުކުރައްވާ ކަމަށާއި ކުންފުނިތަކުގެ ބޯޑުގައި ތިއްބެވި ބޭފުޅުން ވެސް އަދި ވެސް މަގާމުން ދެމިތިއްބެވި ކަމަށް ރައީސް ވިދާޅުވި އެވެ.

ވަޒީރުކަމުގައި ތިއްބެވި ބޭފުޅުން ޕީޕީއެމަށް ސޮއި ކުރެއްވުމަކީ ރައީސް އެދިވަޑައިގަންނަވާ ގޮތެއްތޯ "ސަން"އިން ސުވާލު ކުރުމުން ރައީސް ވިދާޅުވީ އެ ބޭފުޅުން އެކަމާ ދޭތެރޭގައި ވިސްނާ ވަޑައިގެންފައި ގޮތެއް ނިންމަވާނެ ކަމަށެވެ. އަދި އެކަމުގައި އަވަސް ކުރުމަށް އެ ބޭފުޅުންނަށް މަޖުބޫރުކޮށްފައި ނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑެއް އެ ބޭފުޅުންނަކަށް ރަޝްއެއް ނުކުރަން. މިކަމުގައި ވަކި މުއްދަތެއް ދީފައި އެ ބޭފުޅުންނަކަށް މަޖުބޫރެއް ނުކުރަން، މިވެނި ގޮތަކަށް މިކަން ކުރައްވާށޭ. ދެން އެއީ އެބޭފުޅުންގެ ޕާޓީތަކާ މަޝްވަރާ ކުރައްވާފައި ދައުލަތަށާއި ރައްޔިތުންނަށް އެންމެ އިހްލާސްތެރިކޮށް، ބިނާކުރަނިވި މަސައްކަތެއް ކުރެވޭނީ ކިހިނަކުންތޯ އެބޭފުޅުން އަމިއްލަފުޅަށް ނިންމެވުން އެ ބޭފުޅުންގެ އަތްޕުޅުމަތީ އެއޮތީ،" ރައީސް ވިދާޅުވި އެވެ.