01 Jun 2014, 13:31
އާންމު ރައްޔިތުންނަށް ޔޫއެސް ޑޮލަރު ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ބޭނުމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކްތަކަށް ވިއްކާ ޑޮލަރުގެ އަދަދު އިތުރުކޮށްފި އެވެ.
އެމްއެމްއޭގެ އެގްޒެކެޓިވް ޑިރެކްޓަރު އައިޝަތު ނާދިޔާ މިއަދު ވިދާޅުވީ އާންމު ރައްޔިތުންނަށް ބޭރު ފައިސާ ހޯދުމުގައި ދިމާވާ ދަތިކަން ހައްލުކުރުމުގެ ބޭނުމުގައި އެ އޮތޯރިޓީން ކޮންމެ ހަފްތާ އަކު އެއްފަހަރު ބޭންކްތަކަށް ވިއްކާ ޑޮލަރުގެ އަދަދު ވަކި ގްރޫޕްތަކަކަށް އަމާޒުވާ ގޮތަށް އިތުރުކޮށްފައިވާ ކަމަށެވެ.
އެގޮތުން ޖުމްލަ ގޮތެއްގައި ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށްދާ މީހުންނަށާއި ކިޔަވަންދާ މީހުންގެ ޓިއުޝަންފީ އަދި އެހެނިހެން މުހިންމު ބޭނުންތަކަށް ރާއްޖެ އިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ޑޮލަރު ވިއްކާ އަދަދު އިތުރުކޮށްފައިވާ ކަމަށް ނާދިޔާ ވިދާޅުވި އެވެ.
މީގެ ކުރިން ވިއްކަމުން އައީ ވިޔަފާރިވެރިންނާއި އެހެނިހެން ބޭނުންތަކަށް ޑޮލަރު ބޭނުންވާ މީހުންނަށް އެއްކޮށް ކަމަށާއި ނަމަވެސް މިހާރު ޑޮލަރު ވިއްކުމުގައި އިތުރުކޮށްފައިވާ އަދަދަކީ ވަކި ބޭނުންތަކަކަށް އަންނަ ބަޔަކަށް ވިއްކަން ހާއްސަ އަދަދެއްކަން ބޭންކްތަކަށް ވެސް އަންގާފައިވާ ކަމަށެވެ.
ބޭރު ފައިސާ ގަނެ ވިއްކުމަށް ރާއްޖޭގައި މިހާރު ހަމަޖެހިފައިވާ ސިޔާސަތުގެ ދަށުން، ޑޮލަރު ގަނެވިއްކޭނެ އެންމެ މަތީ އަގަކީ 15.42 ރުފިޔާ އެވެ. އަދި އެންމެ ދަށް އަގަކީ 10.28 ރުފިޔާ އެވެ.