ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލަށް ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ހ. ހިލްޓަން އަޒުލިފް ރައޫފު ބޭންކް އޮފް މޯލްޑިވްސް އިން ނެގި ލޯނަކަށް ފައިސާ ދައްކާފައިނުވާތީ އިންޓްރެސްޓާ އެކު ޖުމްލަ 52،753 ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ ބީއެމްއެލް އާއި އަޒްލިފްއާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އޭނާ އެ ބޭނުންކުން ނެގި 50،000 ރުފިޔާގެ ލުއި އެކްސްޕްރެސް ލޯނަށް ފައިސާ ދައްކާފައި ނުވާކަމަށެވެ.

އެ ފައިސާ އަކީ އަޒުލިފްގެ ފަރާތުން ބޭންކަށް ދައްކަން ޖެހޭ ފައިސާ ކަމަށް ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީއަތަށް ސާބިތުވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ. އެހެންކަމުން ލޯނަށް ފައިސާ ނުދެއްކުމުން ސާވިސް ޗާޖާއި ޖޫރިމަނާއާ އެކު އަރާފައިވާ 52،753 ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކައި ޚަލާސްކުރުމަށް އެ ހުކުމްގައި އޭނާ އަށް ވަނީ އަންގާފަ އެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލަން އޭނާ ރޭވިކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުން ތަހުގީގު ކުރިއެވެ. ނަމަވެސް އެކަށީގެންވާ ހެކި މިހާތަނަށް ލިބިފައިނުވާތީ އޭނާގެ މައްޗަށް ދައުވާ އުފުލާފައެއް ނުވެ އެވެ.

ބަޔަކަށް ބިރުދައްކައި ފައިސާ އަތުލިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ދައުލަތުން ވަނީ އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފަ އެވެ.