ފުވައްމުލަކަށް ނިސްބަތްވާ ޒުލެއިހާ އިބްރާހިމް ހަސަން، 26، ގޮވައިގެން އޭނާގެ ފިރިމީހާ އަބްދުﷲ އަހުމަދު، 29، އެ ރަށު ހޮސްޕިޓަލަށް ދިޔައީ ޑޮކްޓަރަށް ދައްކަން ޖެހޭ ދުވަސް ޖެހުމުންނެވެ. ޒުލޭހާ ބަލާފައި ޑޮކްޓަރު ބުނީ އޭނާގެ ބަނޑުގައި އޮތް ތުއްތު ކުއްޖާގެ ހިތުގެ ވިންދު އަވަސް ކަމަށެވެ. ދަރިފުޅު އަވަހަށް ނަގަން ޖެހޭ ކަމަށެވެ. އޭގެ އަށް ގަޑި އިރު ފަހުން ޒުލޭހާ އާއި އޭނާގެ ބަނޑުގައި އޮތް ދަރިފުޅު ފުރާނައާ ހަނގުރާމަ ކުރަން ޖެހޭނެ ކަމަށް އާއިލާ އިން ހީވެސް ނުކުރެ އެވެ.

އަވަހަށް ދަރިފުޅު ނެގުމަށް ބުނުމަށް ފަހު އަބްދުﷲ އަަށް ޑޮކްޓަރު ދިނީ ދެ ޗޮއިސް އެވެ. އެއީ ޒުލޭހާ އައްޑޫ އަށް ގެންދިއުމެވެ. ނުވަތަ މާލެ ގެންދިޔުމެވެ. މާލެ އަށް ފުރާ ފްލައިޓެއް އެންމެ އަވަހަށް ވެސް އޮތީ އެ ރެ އެވެ. އެހާ ގިނަ ވަގުތު ޒުލޭހާ އަށް ނެތް ކަމަށް ޑޮކްޓަރު އެންގި އެވެ. ދެން އޮތް ގޮތަކީ އައްޑޫ އަށް ފުރުމެވެ.

"އައްޑު އަށް ފުރަން ބެލި އިރު ހޮސްޕިޓަލުގެ ލޯންޗު އޮތީ ހަލާކުވެފައި. އައްޑު އަށް ފުރަންޏާ ހަދަންޖެހޭ ގޮތަކީ އެކޮޅުން [އައްޑޫއިން] ލޯންޗެއް ގެނެސް އަނެއްކާ އޭތީގާ އަނބުރާ އައްޑޫ އަށް ދާންޖެހެނީ،" އަބްދުﷲ ކިޔައިދިނެވެ.

އެހާ ހިސާބުން ޒުލޭހާގެ ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރެވޭތޯ ޑޮކްޓަރުގެ އަމިއްލަ އިސް ނެގުމަކަށް ފުވައްމުލަކު ހޮސްޕިޓަލުގައި ސިޒޭރިއަން ކުރިއަށް ގެންދިއުމަށް ނިންމި އެވެ. އެ ހޮސްޕިޓަލަކީ އަދި އެ ޑޮކްޓަރަކީ މީގެ ކުރިން އެތައް ފަހަރަކު ސިޒޭރިއަން އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވާ ޑޮކްޓަރަކާއި ތަނެކެވެ.

"ގާތްގަނޑަކަށް 6:30 ގައި އޮޕަރޭޝަން ފެށީ. ހަތެއް ނުޖަހަނީސް ހުއްޓާލައިފި. ޑޮކްޓަރު ނުކުމެފައި އަހަރެން ކައިރީ ބުނީ ދަރިފުޅު ނަގަންޏާ ރަހިމު ކަފާލަންށޭ ޖެހޭނީ ތިމަންނާއަކަށް ނުކެރޭނެއޭ ފަހަރުގައި ލޭ މަނާ ނުވުން އެކަށީގެންވެޔޭ،" އޭނާ ބުންޏެވެ.

އަބްދުﷲގެ ހަނދާނަށް އެންމެ ފުރަތަމަ ވެސް އައީ އޭނާގެ ގާތް ރައްޓެއްސަކު ހަމަ އެ ހޮސްޕިޓަލަށް، އެ ޑޮކްޓަރު ކައިރި އަށް ވިހަން ވެއްދި ހަނދާނެވެ. އެ ފަހަރު އެ އަންހެން މީހާ ލޭ މަނާ ނުވެގެން އެތައް މަސައްކަތަކެއް ކުރަންޖެހުނެވެ.

"އަޅުގަނޑު އެ ވަގުތު ވަރަށް ބިރު ގަތް. ވަރަށް ބިރު ގަތް. ރައްޓެއްސެއްގެ އަންހެނުން ވެސް ވިހަން ގެނެސްގެން އެއް ފަހަރު ލޭ މަނާ ނުވި. ހަމަ މި ޑޮކްޓަރު ހުރީ،" އޭނަ ބުންޏެވެ.

ޑޮކްޓަރު ދެން ކުރިކަމަކީ ސިޒޭރިއަން އަށް ކަފާލާފައި އޮތް ބައި އަލުން ފެހީ އެވެ. އެހާ ހިސާބުން އަބްދުﷲ އާއި އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ފަލާހު ޝަރީފް އިސްކޮށް ހުންނަވައިގެން އައްޑޫން ޑޮކްޓަރުން ގެނެވޭތޯ ބެލި އެވެ.

"އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި އަންހެނުންގެ ޑޮކްޓަރަކާއި ކުޑަކުދިންގެ ޑޮކްޓަރަކު ގެނެސްގެން ދަރިފުޅު ނެގީ. ގާތްގަނޑަކަށް 9:00 ޖަހާކަންހާ އިރު އައްޑޫ އިން ހެލިކޮޕްޓަރު އައިސްފި. ސިފައިންގެ ވަރަށް ބޮޑު އެހީތެރިކަމަށް އަޅުގަނޑުމެންނަށް ލިބުނު. އެބޭފުޅުންގެ އެހީތެރިކަމާ ނުލައި އަޅުގަނޑުމެންނަށް މިކަން ނުވީސް،" ކައުންސިލްގެ ރައީސް ފަލާހު ވިދާޅުވި އެވެ.

އަބްދުﷲ ބުނީ އައްޑޫ އިން ދިޔަ ޑޮކްޓަރުން ވިއްސަކަށް މިނެޓު ތެރޭގައި ދަރިފުޅު ނެގި ކަމަށެވެ.

"ވަރަށް ފަސޭހައިން އެމީހުން އެކަން ކޮށްލައިފި. ވިއްސަކަށް މިނެޓު ވާނީ ދަރިފުޅު ނަގައިފި. ދަރިފުޅާ އަންހެނުން އިރާދަކުރެއްވީތީ ކަމެއް ނުވެ ސަލާމަތްވީތީ ވަރަށް ހިތްހަމަޖެހުނު. ހެޔޮ ހާލުގައި މިހާރު ތިބީ،" އަބްދުﷲ ބުންޏެވެ.

އެ މައްސަލައިގައި ފުވައްމުލަކު ހޮސްޕިޓަލުގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.