01 Jun 2014, 12:01
ރޯދަ މަހަށް ހާއްސަކޮށްގެން، ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެސްޓީއޯއަށް ގެނައުމަށް ނިންމާފައިވާ މުދަލުގެ ފުރަތަމަ ޝިޕްމަންޓް މި ހަފްތާގެ ތެރޭގައި ރާއްޖެ ގެނެވޭނެ ކަމަށް އެސްޓީއޯއިން ބުނެފި އެވެ.
ފިޔާ އަދި އަލުވި ކިލޯއެއްގެ އަގު 10ރ. އަށް ވުރެ ބޮޑު ނުވާވަރަށް، ކުކުޅު ބިހެއްގެ އަގު 1.25ރ. އަށް ވުރެ ބޮޑު ނުވެ މި ރޯދަ މަހު ހިފަހައްޓައިދޭނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ އާދަމް އާޒިމް މިއަދު "ސަން" އަށް ވިދާޅުވީ މި މަހު 27 ވަނަ ދުވަހު ފެށޭ ރޯދަ މަހަށް ހާއްސަ ޝިޕްމެންޓް މިހަފްތާގެ ފަހު ކޮޅު ގެނައުމަށް ނިންމާފައިވާއިރު އެ ޝިޕްމެންޓަކީ އަތޮޅުތެރޭ ރަށްރަށަށް ފޮނުވުމަށާއި މާލޭގައި ގުދަން ނުކޮށް ވިއްކުމަށް ގެންނަ ޝިޕްމެންޓެއް ކަމަށެވެ.
އާޒިމް ވިދާޅުވީ ގުދަން ކުރަން ހަމަޖެހިފައިވާ ޝިޕްމެންޓްތައް މި މަހުގެ ދެ ވަނަ ހަފްތާގައި ރާއްޖެ ގެނެވޭނެ ކަމަށެވެ. ރޯދަ މަސް ނިމެންދެން ވެސް އެސްޓީއޯއިން ވިއްކާ ފިޔާ އަލުވި ބިހުގެ އަގަށް ބަދަލެއް ނާންނާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
އާޒިމް އިތުރަށް ވިދާޅުވީ އެސްޓީއޯއިން އެތެރެކުރާ ބާވަތްތައް ލިމިޓެއް ނެތި ވިއްކުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެތަކެތި ހުސްވިޔަ ނުދިނުމަށް އެސްޓީއޯއިން ގިނަ ފިޔަވަޅު ތަކެއް އަޅާނެ ކަމަށެވެ.