އުމުރުން 21 އަހަރުގައި ހިނގި އެކްސިޑެންޓެއްގައި ފައި ބުރިކޮށްލާފައިވާ ސުބްރީތު ކައުރު ގުއްމަން، އިންޑިޔާގައި އާއްމުކޮށް ހުޅުވާލެވިގެން ބާއްވާ "އިންޑިއާސް ގޮޓް ޓެލެންޓް" ޝޯ ގައި އޭނާގެ ނެށުމުގެ ހުނަރު ދައްކާލައި، ދެވަނަ ހޯދުމަށްފަހު ދުނިޔޭގެ ސަމާލުކަން އަތުލައިގަނެފިއެވެ.

އޭނާގެ ފައި ބުރިވުމުގެ ކުރިން ނަރުސްކަން ކުރަމުން އައި ސުބްރީތު "އިންޑިއާސް ގޮޓް ޓެލެންޓް" ގައި ދެވަނަ ހޯދުމަށްފަހު މިހާރު އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް އޭނާގެ ހުނަރު ދައްކާލަމުންނެވެ.

http://www.sun.mv/albums/l_26642.jpg

“ނެށުމަކީ އަހަރެން އަބަދުވެސް ލޯބިކުރާ ކަމެއް. އެކަމަކު މައިންބަފައިން ބޭނުންވީ އަހަރެން ކިޔަވަން. އެހެންވެ ކިޔަވައިގެން ނަރުހަކަށް ވީ. އެކްސިޑެންޓްގެ ސަބަބުން އަހަރެންގެ މުޅި ހަޔާތް ބަދަލުވެގެން ދިޔަ. ހަމަ އެކަނި އަހަންނަށް އަހަރެންގެ ފައި ގެއްލުނީކީ ނޫން. އޭގެ ބަދަލުގައި އަހަންނަށް ލިބިގެން ދިޔައީ އަހަރެންގެ އުއްމީދުތައް ހަގީގަތަކަށް ހެދުމުގެ އަޒުމު. މިހާރު ދިރިއުޅުމުގެ މަސައްކަތަކަށް އަހަރެން ކުރާ ކަމަކީ ނެށުން. ވަރަށް އުފާވޭ،” ސުބްރީތު ކައުރު ގުއްމަން ބުންޏެވެ.

2009 ވަނަ އަހަރު ހިނގި އެކްސިޑްންޓް އާއިއެކު ސުބްރީތު ގެ ހަޔާތް އެކޮޅުކޮޅުން ޖެހުނެވެ. އެ އެކްސިޑެންޓް ހިނގީ ސުބްރީތު އެއްދުވަހަކު ކޮލެޖް ނިންމާލުމަށްފަހު ރައްޓެއްސެއްގެ ސައިކަލު ފަހަތުގައި ގެއަށް ދަނިކޮށް ގޯޅި އަޅަން އުޅުމުގެ ތެރޭގައި ސައިކަލު ކަހާލުމުންނެވެ. ސުބްރީތު އާއި އޭނާގެ ރައްޓެހި ކުއްޖާ އެތައް ފޫޓަކަށް ވިއްސައިގެން ދިޔައެވެ.

“އަހަރެންގެ ކަކުލުގައި ހުރީ ރެނދެއް ލާފައި. ނަސީބަކުން އަހަރެން މަރެއް ނުވޭ،” ސުބްރީތު ބުންޏެވެ.

ނަމަވެސް ހޮސްޕިޓަލުން އެނާއަށް އިހުމާލުވިއެވެ. އަދި ރަނގަޅު ފަރުވާ އަކާ ނުލައި އެނާ ދެ ހަފްތާ ވަންދެން ހޮސްޕިޓަލުގައި ބޭއްވިއެވެ.

“ސަރުކާރު ހޮސްޕިޓަލުތަކުގައި އަޅާ ނުލުމުގެ މައްސަލަ އަކީ ވަރަށް ބޮޑުވެފައިވާ މައްސަލައެއް. އަހަރެންނަށް ފަރުވާކޮށްދޭށޭ ކިޔައި އަހަރެންގެ މަންމަ ޑޮކްޓަރުންގާތު އާދޭސް ކުރި. އެކަމަކު އަހަރެންގެ ފައިގައި ބްރޭސް އެއް އަޅާފައި ބާއްވާފައި އޮތީ. ރެނދުލާފައި ހުރި ތަނަށް އެއްވެސް ފަރުވާއެއް ނުކުރޭ،” ސުބްރީތު ބުންޏެވެ.

ސުބްރީތު އަކީ އާޓީރިއޯނަސް މެލްފޯމޭޝަން ކިޔުނު ބައްޔެއް ހުންނަ ކުއްޖެކެވެ. މި ބަލި ހުންނަ މީހުންގެ ނާރުތައް ގުޅިފައި ހުންނަނީ އާދަޔާ ހިލާފު ގޮތަކަށް ކަމުން، ސުބްރީތުގެ ފައި އޮޕަރޭޝަން ކުރުމަށް ޑޮކްޓަރުން ދެކޮޅު ހެދިއެވެ. ނަމަވެސް އެކްސިޑްނެޓް ވީތާ 15 ދުވަސް ފަހުން، ނޮވެމްބަރ ފަހެއް ގައި ސުބްރީތު ގެ އޮޕަރޭޝަން ކުރިއެވެ.

ދެން ކަންތައްވަމުން އައީ ގޯހުން ގޯހަށެވެ. އޮޕަރޭޝަން ކުރުމުގެ ތެރޭގައި ސުބްރީތު ފައިގައި ހުރި މައި ލޭ ނާރެއް ބުރިވެ، ހޯސްލާފައި ލޭ އަންނަން ފެށިއެވެ. އޮޕަރޭޓް ކުރަން ތިބި ޑޮކްޓަރުންނަށް ލޭ މަނާކުރެވުނެވެ. ނަމަވެސް ލޭ މަނާކުރުމަށް ފަހު އެ އޮޕަރޭޝަން ވަގުތުން ހުއްޓާލީއެވެ.

http://www.sun.mv/albums/l_26639.jpg

“ހޭލާފައި މަންމަގެ މޫނު ފެނުމުން ވަގުތުން އަހަންނަށް އެނގުނު އޮޕަރޭޝަން ދިޔައީ ރަނގަޅަކަށް ނޫންކަން. އަހަރެން ވަރަށް މާޔޫސް ވި. އޮޕަރޭޓް ކުރި ޑޮކްޓަރުގެ ފަރުވާ ކުޑަކަމުން އަހަރެންނަށް ޖެހުނީ ފައިގައި ރެނދުލާފައި ހުރި ތަން ރަނގަޅުކުރަން އަލުން އޮޕަރޭޝަން އަކަށް ދިއުމުގެ ކުރިން ފަޅައިގެން ގޮސްފައިހުރި ނާރު ރަނގަޅުވަންދެން މަޑުކުރަން،” ސުބްރީތު ކިޔައިދިނެވެ.

މިހާ ހިސާބުން ސުބްރީތު ގެއަށް ފޮނުވާލިއެވެ. ނަމަވެސް އޭނާގެ ހާލަތު ދިޔައީ ދުވަހުން ދުވަހަށް ދަށަށެވެ. ސުބްރީތު އަށް ފައިގައި ހުރި އިހުސާސު މަޑުމަޑުން ގެއްލެމުން ދިޔައެވެ. އަދި އޭނާގެ ފައި ކަޅުވެ، މަރުވާން ފެށިއެވެ. މިގޮތަށް ދެ މަސްދުވަސް ވަންދެން ސުބްރީތު އެނދުގައި އޮތެވެ.

ސުބްރީތުގެ މަންމަ، 56 އަހަރުގެ ކަރަންޖީތު ކައުރު އެމީހުންގެ ރަށް ކަމުގައިވާ ޕަންޖާބުގައި އޮންނަ ޖުންދާން ވިލެޖުގައި ހުރި ހޮސްޕިޓަލުތަކަށް ގޮސް އޭނާގެ ދަރިފުޅުގެ ފައި ބުރިކޮށްލަ ދޭން އާދޭސް ކުރިއެވެ. ސުބްރީތު އާއި އޭނާގެ މަންމަގެ އާދޭސްތަކަށް އަޑު އަހާނެ ޑޮކްޓަރެއް ނެތި އަހަރެއް ފާއިތުވެގެން ދިޔައެވެ.

http://www.sun.mv/albums/l_26640.jpg

އެންމެ ފަހުން ސުބްރީތު ގެ އޮޕަރޭޝަން ކުރަން އެއްބަސްވީ ކައިރީ އަވަށެއްކަމަށްވާ ލުދިއާނާގައި ހުންނަ މެޑިކަލް ކޮލެޖެއްގެ ޑޮކްޓަރެކެވެ. އަދި 16 ސެޕްޓެމްބަރ 2010 ގައި ސުބްރީތު ގެ ފައި ބުރިކޮށްލިއެވެ.

އޭގެ ދެތިން މަހެއް ފަހުން ސުބްރީތު އަށް ދަނޑިގަނޑެއްގެ އެހީގައި ހިނގެން ފެށިއެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަޅާލާނޭ ގޮތާ ބެހޭ ވަރަށް ގިނަ ލިޔެކިޔުންތައް އޭނާ ހޯދައި ކިޔަން ފެށިއެވެ. މި ލިޔުންތައް ވެގެން ދިޔައީ ސުބްރީތު އަށް ހަޔާތާ މެދު އުއްމީދު އައުކޮށްދިން ލިޔުންތަކަކަށެވެ. އަދި އޭނާ އެންމެ ކުރާ ހިތްވާ ކަންތައް ކަމަށްވާ ނެށުމާ ކުރިމަތިލާން ނިންމިއެވެ.

ފައި ބުރިކޮށްލިތާ ކުރީކޮޅު އާއްމުންގެ ތެރެއަށް ނުކުމެ އުޅެން ސުބްރީތު އަށް ފަސޭހަ ނުވިކަމުގައި ވިޔަސް ނަށަން ދަސްކޮށްދޭ ސްކޫލްތަކަށް އެނާ ވަންނަން މަސައްކަތް ކުރިއެވެ. އެއްފައި ނެތުމުގެ ސަބަބުން ގިނަ ތަންތަނުން އޭނާ ނުވައްދައި ފޮނުވާލިއެވެ. ނަމަވެސް އެންމެ ފަހުން އޭނާ ބަލައިގަތީ ޗަންދީގަރ އަވަށުގައި ހުންނަ ރޮކްސްޓާ އެކަޑަމީއިންނެވެ.

http://www.sun.mv/albums/l_26644.jpg

“އަހަރެންގެ ދަރިފުޅު އަބަދުވެސް ވަރަށް ރީތިކޮށް ނަށާނެ. އެކަމަކު އަހަރެން އެނާ ކައިރީ ކިޔަވާށޭ ކިޔާވަރުން އެނާ ކިޔެވީ. އޮޕަރޭޝަން ކުރިފަހުން އެއްދުވަހު އޭނާ އަހަރެން ގާތު ބުނީ އެނާ ބޭނުންވަނީ ޓީވީއަށް އަރާ ނަށާށޭ. އަހަރެންނަށް ޝައްކުވި، އެކަމަކު އޭނާ ބޭނުންވި ކަންތަކަށް އަހަރެން ހިތްވަރުވެސް ދިނިން،” ސުބްރީތު ގެ މަންމަ ބުންޏެވެ.

މިދިޔަ ފެބްރުއަރީ މަހު "އިންޑިއާސް ގޮޓް ޓެލެންޓް" ގައި ސުބްރީތު ބައިވެރިވެ ފަނޑިޔާރުން ހައިރާންކޮށްލިއެވެ. އަދި ފައިނަލުގައި ވާދަކޮށް ސުބްރީތު ދެވަނަ ހޯދިއެވެ.

“އަހަރެންގެ ހަޔާތް މުޅިން ބަދަލުވެއްޖެ. ހަޔާތުގެ އެންމެ އަނދިރި ދުވަސްތައްވެސް އަހަރެން ދުށިން. އެކަމަކު މިހާރު އަހަރެންގެ ހަޔާތް ވަރަށް އުޖާލާ،” ސުބްރީތު ކިޔައިދިނެވެ.
https://www.youtube.com/watch?v=pbHjo1NMxnM