01 Jun 2014, 11:04
ހުޅުމާލޭގައި ދުއްވާ އެމްޓީސީސީގެ ބަހަކުން ޖެހި އުމުރުން ދުވަސްވީ އަންހެނެއްގެ ކޮނޑުހުޅުން ބިނދިއްޖެ އެވެ.
ފުލުހުން މިއަދު ބުނީ ރޭ 7:25 އެހާކަންހާ އިރު ހިނގި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ އުމުރުން 73 އަހަރުގެ އަލިފުށީ އަންހެނަކަށް ކަމަށެވެ.
ރޭގެ އެކްސިޑެންޓާ ގުޅިގެން އަންހެން މީހާގެ ވައަތު ކޮނޑުހުޅުން ބިނދުން ފިޔަވައި އިތުރު އަނިޔާއެއް ވިކަން އެނގިފައެއްނުވެ އެވެ.
ހުޅުމާލޭ ހޮސްޕިޓަލުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ ހޮސްޕިޓަލުގައި ކަށީގެ ޑޮކްޓަރެއް ނެތުމުން އިތުރުފަރުވާ އަށް، އެ އަންހެންމީހާ ރޭގެ ވަގުތެއްގައި އައިޖީއެމްއެޗަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގާފައި ވަނީ ކޮރަލްވިލް ކައިރިން އެމްޓީސީސީގެ "ނެއިބަހުޑް 2" ބަސް އަންހެން މީހާގެ ގައިގައި ޖެހިގެން ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ އިރު، އެކްސިޑެންޓް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.