01 Jun 2014, 10:39
ތައުލީމީ ދާއިރާ އިތުރަށް ހަރުދަނާކޮށް ދަރިވަރުންގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ އަމާޒުތަކަކާއެކު ކުރިޔަށް އޮތް ފަސް އަހަރަށް ތައުލީމީ ދާއިރާގެ ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލައިފި އެވެ.
އެ ސްޓްރެޓެޖިކް ޕްލޭންގެ މަގްސަދަކީ ދަރިވަރުންނަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތާއި ސިފަތަކާއި ތައުލީމާއި އަދި ސިއްހީ ހަށިހެޔޮކަމުގެ ލަނޑުދަނޑިތަށް ކަނޑައަޅައި އެ ލަނޑުދަނޑިތަށް ހާސިލްކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި ތައުލީމް ދިނުމުގައި އަތޮޅުތަކުގައި ދިރިއުޅޭ ހުރިހާ ކުދިންނަށް ޕްރީ ސްކޫލުން ފެށިގެން މަތީ ސާނަވީ ނިމެންދެން ފެންވަރު ރަނގަޅު ތައުލީމާއި ފަންނީ ތަމްރީނުގެ ފުރުސަތުތަށް ހަމަހަމަ ގޮތެއްގައި ލިބިދިނުން އެ ސްޓްރެޓްޖިކް ޕްލޭންގައި ހިމެނެ އެވެ.
މައިގަނޑު ފަސް ވައުދެއްގެ މައްޗައް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭން އިއްޔެ ފައިނަލްކޮށްފައި ވާއިރު އޭގައި ހާސިލްކުރަން ނިންމާފައި ވަނީ ޕީޕީއެމްގެ މެނިފެސްޓޯގައި ހިމެނިގެންވާ ފަސް ދާއިރާ އެވެ. އެގޮތުން އެންމެ ކުއްޖަކު ވެސް ބާކީނުކުރުމަށާއި ކޮންމެ ޒުވާނަކީ ހުނަރުވެރި ޒުވާނަކަށް ހެދުމާއި މަތީތައުލީމް ޔަގީންކޮށްދިނުމާއި ހުރިހާ ސްކޫލަކީ ވަސީލަތްތަށް ހަމަހަމަ މަގުބޫލު ސްކޫލްތަކެއްގައި ހެދުމުގެ އިތުރުން އިގްތިސާދީ އިންގިލާބަށް ދޯޅު ހުނަރު ހިމެނެ އެވެ.
އެ ސްޓްރެޓެޖިކް ޕްލޭން ފައިނަލް ކުރުމަށް އިއްޔެ ބަނޑޮސް އައިލެންޑް ގައި އޮތް ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ޕީޕީއެމް ސަރުކާރުގެ ތައުލީމީ މެނިފެސްޓޯ އެކުލަވާލާފައިވަނީ ވަރަށް ގިނަ ބައެއްގެ ތައުލީމީ ދާއިރާގައި އިސްލާހުކުރަން ޖެހޭ ކަންކަން ވެސް ހިމަނައިގެން ކަމަށެވެ. އަދި އެ ބަދަލުތަކާއެކު ތައުލީމީ ދާއިރާއާ ދެތެރޭ ގިނަ ބައެއްގެ ހިތްހަމަޖެހުން އޮތްކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.
އެ ޕްލޭންގައި ހިމެނޭ ތައުލީމީ ދާއިރާގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހަމަހަމަގޮތެއްގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ތައުލީމު ލިބިދޭކަން ކަށަވަރުކުރުމާއި ހާއްސައެހީއަށް ބޭނުންވާ ކުދިންވެސް ހިމެނޭގޮތަށް ތައުލީމަކީ އަސާސީ ހައްގެއްކަން ދެނެގަނެ ހުރިހާ އެންމެންނަށް ވެސް ހަމަހަމަގޮތެއްގައި ޖިންސުގެ ތަފާތުކަމެއްނެތި ދެވޭ ތައުލީމުގެ ފެންވަރު މަތިކުރުން ހިމެނެ އެވެ.
އޭގެ އިތުރުން ތައުލީމީ ދާއިރާ އިތުރަށް ފެންވަރު ރަނގަޅުކުރުމަށް އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމާއި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް މަތީ ތައުލީމުގެ ފުރުސަތުތަށް ހޯދައި ދިނުންފަދަ ލަނޑުދަނޑިތަށް އެ ސްޓްރެޓެޖިކް ޕްލޭންގައި ހިމަނާފައި ވެއެވެ.