01 Jun 2014, 10:25
ހުކުރު ދުވަހު ހަތަރު މީހުންނާ އެކު ފަރުމަހަށް ނުކުމެ އުޅުނު ޑިންގީ ބަންޑުންޖަހާލި ހާދިސާގައި ގެއްލުނު ބިދޭސީ މީހާ އަދި ވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ގެއްލިގެން ހޯދަމުން ދަނީ ބެލްޖިއަމްގެ ރައްޔިތެއް ކަމަށްވާ އުމުރުން 35 އަހަރުގެ ޕިއާ އޮލިވާ ލުއިސް އަލްބަރޓް ލިއުޝް ނަމަކަށް ކިޔާ މީހެކެވެ. އޭނާ އަކީ ފޯ ސީސަންސް ރިސޯޓުގައި އެފްއެންބީ އެސިސްޓަންޓް މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރާ މީހެއް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން އިއްޔެ ވެސް ވަނީ ކަނޑުމަގުންނާއި ވައިގެމަގުން މަސައްކަތްކޮށްފަ އެވެ. އަދި މިއަދު ވެސް އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރާނެ ކަމަށާއި އެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑާއި ފޯސީޒަންސް ކުޑަހުރާ ރިސޯޓުން ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ހަތަރު މީހުންނާ އެކު ފަރު މަސްވެރިކަމަށް ނުކުމެ އުޅުނު މި ޑިންގީ ބަންޑުން ޖަހާލައިފައި ވަނީ ޕެރަޑައިސް އައިލެންޑް ރިސޯޓްގެ އިރު ދެކުނަށެވެ. އަދި އެ ހާދިސާ ހިނގި ވަގުތު ޑިންގީގައި ތިބި ހަތަރު މީހުންގެ ތެރެއިން ތިން މީހަކު ފަތާފައި ގޮސް ޕެރަޑައިސް އައިލެންޑް ރިސޯޓަށް އަރާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.