ސަރުކާރުގެ އޮފީސްތަކާއި ސަރުކާރުން ހިންގާ އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ދައުލަތުގެ މުދާ ބޭނުންކޮށްގެން ކެމްޕޭން ކުރާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި އަދި އެއީ ގާނޫނާ ޚިލާފް ކަމެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.


އޭސީސީން މިއަދު ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ ސަރުކާރުގެ އޮފީސްތަކާއި ސަރުކާރުން ހިންގާ ކުންފުނިތަކާއި ސަރުކާރުން ބައިވެރިވާ ކުންފުނިތަކާއި ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން ބައެއް ތަންތަނުގެ މުވައްޒަފުން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕޭން ކުރުމާއި އެހެން ފަރާތްތަކަށް ކެމްޕޭން ކޮށްދިނުމުގައި ދައުލަތުގެ މުދަލާއި ތަކެއްޗާއި ވަސީލަތްތައް ބޭނުންކުރުމުން ގެންދާ ކަމުގެ ޝަކުވާ އެ ކޮމިޝަނަށް ހުށަހަޅަމުންދާ ކަމަށެވެ.


އެ ކޮމިޝަނުން ބުނީ ބައެއް މީހުން އޮފީސްތަކުގެ ރަސްމީ ގަޑީގައި އޮފީހުން ބޭރުގަ އާއި އޮފީހުގައި ތިބެގެން އިންތިޚާބަށް ކެމްޕޭނު ކުރަމުން ގެންދާ ކަމުގެ ޝަކުވާ ލިބޭ ކަމަށެވެ.  


އިންތިހާބުގައި ވާދަ ކުރާ ބައެއް ކެންޑިޑޭޓުންނަށް ވޯޓް ހޯދައި ދިނުމަށް ދައުލަތުގެ ބައެއް މުވައްޒަފުން ގާނޫނާ ގަވާއިދާ ޚިލާފަށް ނުވަތަ އާންމު އުސޫލުތަކާ ޚިލާފަށް ކަންތައްތައް ކޮށްދެމުން ގެންދާ ކަމަށާއި ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތައް ދިނުމުގައި އެކި މީސްމީހުންނާ ދޭތެރޭ ތަފާތުކުރަމުން ގެންދާ ކަމަށް ވެސް އެސާކިއުލާގައިވެ އެވެ.  


"މިދެންނެވި ކަންތައްތަކަކީ، ދިވެހި ރާއްޖޭގެ ޖުމްހުރިއްޔާގެ ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ ހަމަހަމަ ކަމާއި އަސާސީ ހައްގުތައްކަށް އުނިކަން ލިބޭނެ، އަދި ކޮރަޕްޝަން ހުއްޓުވާ މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ 14 ވަނަ މާއްދާގެ (ހ) އާ ޚިލާފު ކަންކަމެވެ" އޭސީސީގެ ސާކިއުލާގައިވެ އެވެ.


އޭސީސީން ބުނީ އެފަދަ އަމަލެއް މުވައްޒަފަކު ކުރާނަމަ އެކަމެއް ހުއްޓުވާ އެ މައްސަލަ ދައުލަތުގެ ކަމާބެހޭ ފަރާތަށް ހުށަހަޅަންވާނެ ކަމަށެވެ. އަދި ދައުލަތުގެ ތަންތަނުގެ ވެރިންވެސް ގާނޫނާ ޚިލަފު އެ ފަދަ އަމަލުތައް ނުކުރުމަށް ވެސް ވަނީ އެ ސަކިއުލާ ގައި ވެއެވެ.