ވިޔަފާރި ކުރާ ފަރާތްތަކުން މީރާ އަށް ދައްކަން ޖެހޭ ޓެކްސް ނުދެއްކުމަށް ނުވަތަ ދެއްކުމުން އެއްކިބާވާން އުޅޭ ކަމުގެ ތުހުމަތުގައި މީރާ އިން ދެ ފިހާރައަކަށް ވަދެ އެތަންތަން ބަލައި ފާސްކޮށްފި އެވެ.

މީރާ އިން ބުނީ އައިޑަބްލިއު ބިލްޑާސް ވެއާ އާއި އައިޑަބްލިއު ހޯމްޕްރޯ އަށް ވަދެ އެތަންތަން ބަލައި ފާސްކުރަން ޖެހުނީ އެތަނުގެ ވެރިފަރާތުން މީރާ އަށް ކޮށްފައިވާ ކޮމްޕްލަޔަންސް ޒިޔާރަތްތަކުގައި މީރާގެ މުއައްޒަފުންނަށް އެއްބާރުލުން ނުދިނުމުންނާއި އޮޑިޓް ކުރުމަށް ލިޔެކިޔުންތައް ހުށައަޅަން އެދުމުން ލިޔެކިޔުންތައް ބަލަހައްޓާފައި ނުވާ ކަމަށް ބުނެ އޮޑިޓަށް ހުރަސްއަޅާފައި ވާތީ ކަމަށެވެ.

އޭގެ އިތުރުން 2011 އަދި 2012 ވަނަ އަހަރުގެ ބީޕީޓީ ހުށައަޅާފައި ނުވާ ކަމަށާއި އެގޮތުން ވެރިފަރާތުން ޓެކްސް ދެއްކުމުން އެއްކިބާވާން އުޅޭކަމުގެ ތުހުމަތުގައި ބަލައި ފާސްކުރީ ކަމަށެވެ.

އެ ދެ ފިހާރަ ބަލައި ފާސްކުރުމުގައި އެ ދެ ފިހާރައިގެ ވެރިފަރާތުން މީރާ އަށް ދައްކަން ޖެހޭ ޓެކުހުގެ އަދަދު ހިސާބުކުރުމަށް ބޭނުން ކުރެވިދާނެ ކަމަށް ގަބޫލުކުރެވޭ ލިޔެކިޔުންތަކާއި ޓެކްސް ދައްކާ ފަރާތާއި ދެކޮޅަށް މީރާއިން ހިންގާ ޖިނާއި ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތަކުގެ އިތުރުން ހެކީގެ ގޮތުގައި ޝަރީއަތަށް ހުށައެޅިދާނެ ތަކެތި މީރާގެ ޓީމުން މީރާގެ ބެލުމުގެ ދަށަށް ގެނެސްފައި ވާ ކަމަށް މީރާ އިން ބުނެ އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ބަލައި ފާސްކުރުމުގެ އަމުރަކަށް މީރާ އިން އެދިފައި ވަނީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ 36 ވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ.