ވައިޓް ހައުސް (ޖޫން 1) : އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތުގެ އަތްދަށުގައި ފަސް އަހަރުވަންދެން އަސީރެއްގެ ގޮތުގައި ހުރުމަށް ފަހު އިއްޔެ މިނިވަންވި އެމެރިކާގެ ސިފައިންގެ މީހާ ސާޖެންޓް ބޮވް ބަގްދަހްލް އެމެރިކާ އަށް ގެނަސް އޭނާގެ އާއިލާއާ ހަވާލުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ބަރަކް އޮބާމާ، ބޮވް ގެ މަންމައާއި ބައްޕައަށް ދެއްވައިފި އެވެ.

ވައިޓް ހައުސްގައި ބޮވްގެ މަންމައާއި ބައްޕަ އާ ބައްދަކުރައްވަމުން އޮބާމާ ވިދާޅުވީ ބޮވް މިނިވަންކުރުމުގެ މުއާމަލާތް ގޮސްފައި ވަނީ ގަތަރު މެދުވެރިކޮށް ވަރަށް ޔަގީންކަންބޮޑު ގޮތެއްގައި ކަމަށާ ތާލިބާނުން ބޮވް މިނިވަންކުރުމާ އެކު އޭނާ ވަނީ މެޑިކަލް ޗެކްއަޕްތަކެއް ހެދުމަށް ޖަރުމަނުގައިވާ އެމެރިކާގެ އަސްކަރީ ހޮސްޕިޓަލަކަށް ގެންގޮސްފައި ކަމަށްއޮބާމާ ވިދާޅުވި އެވެ. އަދި ބޮވްގެ ބަދަލުގައި މިނިވަންކުރުމަށް އެމެރިކާ އެއްބަސްވި ތާލިބާނުންގެ ފަސް އަސީރުން ވެސް މިނިވަންކުރުމަށް ފަހު ގަތަރާ ހަވާލުކޮށްފައިވާނެ ކަމަށް އޮބާމާ ވިދާޅުވި އެވެ.

އޮބާމާ، ބޮވް ގެ މަންމައާއި ބައްޕައާ ވައިޓް ހައުސްގައި ބައްދަލުކުރައްވަނީ ---- ފޮޓޯ: އޭޕީ

އެމެރިކާ ސިފައިންގެ ސާޖެންޓް ބޮވް ބަގްދަހްލް އަކީ ފާއިތުވި 13 ވަރަކަށް އަހަރު ތެރޭގައި އެމެރިކާ ސިފައިން އަފްޣާނިސްތާނުގައި ކުރި ހަނގުރާމައިގާ ތާލިބާނުންގެ އަތްދަށުގައިވި ހަމައެކަނި އެމެރިކާގެ އަސީރެވެ. އޭނާ އިއްޔެ މިނިވަންކުރި އިރު އޭނާގެ ސިއްހީ ހާލަތު ރަނގަނޅު ކަމަށް އެމެރިކާގެ މަސްއޫލުވެރިއަކު ވަނީ ވިދާޅުވެފަ އެވެ. ބޮވް މިނިވަންކުރުމަށް ތާލިބާނުން އެދުނު އެދުންތަކަށް އިޖާބަދޭން ފަސް އަހަރު ފަހުން އެމެރިކާ އަށް މަޖްބޫރުވީ މިއަހަރު ނިމޭ އިރު އެމެރިކާ ސިފައިންގެ ހަނގުރާމައިގެ ލަޝްކަރުތައް އަފްޣާނިސްތާނުން ބޭލުމަށް އެމެރިކާ ނިންމާފައި ވާތީ މި ޑީލް ނިންމައި ނުލެވިއްޖެ ނަމަ ދެން އެކަން ކުރަން ފަސޭހަނުވާނެތީ އާއި ބޮވްގެ އާއިލާ އިން އެމެރިކާ ސަރުކާރަށް ކުރިމަތިކުރަމުން ގެންދާ ފިއްތުންތަކުގެ ސަބަބުންނެވެ.
އޮބާމާ، ބޮވް ގެ މަންމައާއި ބައްޕައާ ވައިޓް ހައުސްގައި ބައްދަލުކުރައްވަނީ ---- ފޮޓޯ: އޭޕީ

މީގެ އިތުރުން ބޮވް މިނިވަންކުރުމަށް ތާލިބާނުން އެދުނު އެދުންތަކަށް އިޖާބަ ނުދީ އޭނާ މިނިވަންކުރުމަށް އެމެރިކާ މިހާތަނަށް ކުރި ހުރިހާ މަސައްކަތްތަކެއް ނާކާމިޔާބުވެފައިވުމަކީ ވެސް ބޮވްގެ ބަދަލުކުރުމުގައި ތާލިބާނުންގެ ފަސް އަސީރުން ގުއަންޓެނާމޯ ޖަލުން މިނިވަން ކުރުމަށް އެމެރިކާ އަށް މަޖްބޫރުވެގެން ދިޔަ ސަބަބެއް ކަމަށް މުރާސިލުން ބުނެ އެވެ. (ރޮއިޓާސް)
އޮބާމާ، ބޮވް ގެ މަންމައާއި ބައްޕައާ ވައިޓް ހައުސްގައި ބައްދަލުކުރައްވަނީ ---- ފޮޓޯ: އޭޕީ