01 Jun 2014, 09:44
ރާމަﷲ (ޖޫން 1) : އިސްރާއީލުން ދެކޮޅު ހެދިނަމަވެސް ޙަމާސްޖަމާއަތާ ގުޅިގެން ފަލަސްތީނުގައި އެކުލަވާލާ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރު މާދަމާ (ހޯމަ ދުވަހު) އިއްލާން ކުރައްވާނެ ކަމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވެއްޖެ އެވެ.
ރާމަﷲ އަށް ޒިޔާރަތް ކުރަމުންދާ ފަރަންސޭސިވިލާތުގެ ވަފްދަކާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ ޙަމާސްޖަމާއަތާ ގުޅިގެން ފަލަސްތީނުގައި އެކުލަވާލާ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރު ގަބޫލުނުކުރާނެ ކަމުގެ އިންޒާރު އިސްރާއީލުން ދީފައި ވީނަމަވެސް މާދަމާ މިސަރުކާރު ވުޖޫދަށް އަންނާނެ ކަމުގަ އެވެ. ޢައްބާސް ވިދާޅުވީ އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދު ކުރަމުން ގެންދާ ހަމާސް ޖަމާއަތަކީ ފަލަސްތީނުގެ ޖަމާއަތެއް ކަމަށާއި އެ ޖަމާއަތުގައި މުޅިން ވެސްތިބީ ފަލަސްތީނުގެ ރައްޔިތުން ކަމުގަ އެވެ. އިސްރާއީލުން ކިތަންމެ ވަރަކަށް ދެކޮޅުހެދި ނަމަވެސް ހަމާސް ޖަމާއަތް ފަލަސްތީނާ ދުރުނުކުރެވޭނެ ކަމަށް ޢައްބާސް ވިދާޅުވި އެވެ.
އިސްރާއީލުން ވަނީ ޙަމާސް އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ސިފަކޮށް އެޖަމާއަތާ ގުޅިގެން އުފައްދާ ފަލަސްތީނުގެ އެއްވެސް ސަރުކާރަކާ މުއާމަލާތް ނުކުރާނެ ކަމަށްބުނެ ހަރުކަށި އިންޒާރުތަކެއް ދީފަ އެވެ. ޙަމާސް ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި އިސްރާއީލުން ބަލަނީ ފަލަސްތީނުގެ ބިންތަކުގައި ގަދަބާރުން އުފައްދާފައިވާ އިސްރާއީލު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ހަ މާސް ދެކޮޅުހެދުމާއި އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރާ ދެކޮޅަށް ހަތިޔާރު ބޭނުންކޮށްގެން މިނިވަންކަމުގެ ޖިހާދެއް ހަމާސް އިން ކުރަމުންގެންދާތީ އެވެ. އިސްރާއީލުގެ އިތުރުން އިސްރާއީލުގެއަނިޔާވެރިކަމާއި އިސްތިއުމާރަށް އެހީތެރިވާ އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން ވެސް ވަނީ ހަމާސް އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ސިފަކޮށްފަ އެވެ.
ޙަމާސް ޖަމާއަތާ ފަހްތު ޖަމާއަތާދެމެދު އޮތް ނުތަނަވަސްކަން ނައްތާލައި އެ ދެޖަމާއަތްގުޅިގެން ފަލަސްތީނުގައި ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އުފެއްދުމަށް އައްބާސް އެއްބަސްވެވަޑައިގެންފައި ވަނީ ޢައްބާސްގެ ސަރުކާރުން އިސްރާއީލާއެކު ދައްކަމުންގެން ދިޔަ ސުލްހައިގެ ވާހަކަތައް ތިންވަނަފަހަރަށް ނާކާމިޔާބުވެ އިސްރާއީލާ ސުލްހައިގެ ވާހަކަތައް ދައްކައިގެން ލިބޭނެ މަންފާއެއްނެތް ކަމާއި އެއީ ބޭކާރުކަމެއް ކަމަށް އައްބާސް އަށް ކަށަވަރުވެ ވަޑައިގަތުމުންނެވެ.
ހަމާސްއާއި ފަތްހު ޖަމާއަތް ގުޅިގެން އެކުލަވާލާ ފަލަސްތީނުގެ އައު ސަރުކާރުގެ ބޮޑުވަޒީރަކީ ފަލަސްތީނުގެ މިހާރުގެ ވެސް ބޮޑުވަޒީރު ޕްރޮފެސަރު ރާމީ ހަމްދުﷲ އެވެ. އައު ސަރުކާރުގެ ކެބިނެޓް އެކުލެވިގެން ވަނީ ފަންނީ ޓެކްނޮކްރޭޓުންގެ މައްޗަށެވެ.(އަލްޖަޒީރާ)