ގދ. ލޮނުދުއަހައްޓާ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މެލޭޝިޔާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކުން ނެގި 19 މިލިއަން ޑޮލަރުގެ ލޯނެއް ނުދައްކައިގެން އިންޓަރެސްޓާ އެކު 22 މިލިއަން ޑޮލަރު (339.24 މިލިއަން ރުފިޔާ) ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ބުދަ ދުވަހު ސިވިލް ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނީ ލޮނުދުއަހައްޓާ ރަހުނުކޮށް، ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ނަގާފައިވާ 19 މިލިއަން ޑޮލަރުގެ ލޯނު ނުދައްކައިގެން 30 ނޮވެމްބަރު 2011 އާ ހަމައަށް 22،027،704.02 ޑޮލަރު ލޯނަށް އަރާފައިވާ ކަމަށެވެ.

އަދި އެ ލޯނާ ގުޅިގެން ޑެޓް ސާވިސް ރިޒާވް އެކައުންޓްގައިވާ 971،087 ޑޮލަރާއި ލޯނު ނުދެއްކި މައްސަލަ ޝަރީއަތާ ހަމަ އަށް ގެންދިޔުމަށް މެލޭޝިޔާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކުން ހަރަދު ކުރި 65،000 އެމެރިކާ ޑޮލަރަކީ އެ ބޭންކަށް ލިބެން ޖެހޭ ފައިސާ އެއް ކަމަށް ވެސް ހުކުމްކޮށްފައިވެ އެވެ.

ލޮނުދުއަހުއްޓާގެ އިންވެސްޓްމަންޓް ރަހުނުކޮށް ލޯނު ނަގާފައި ވަނީ ހ. ސްވޯޑް އަހްމަދު މުޝްތާގު އަލީ އާއި ގ. ފިތުރޯނުގޭ ހުސައިން ސަލާހާއި މއ. ކަނބޯގޭ މުހައްމަދު ނަދީމާއި މއ. ތިބުރޯޒުގޭ އިބްރާހީމް ނަސީރުގެ އިތުރުން މއ. ޝަފީގުގޭ މުހައްމަދު ޝަފީގު ގެރެންޓީދީގެންނެވެ.

ކޯޓު ހުކުމްގައި ބުނަނީ ހަ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ނުދައްކައިފި ނަމަ ލޯނުގެ މައްޗަށް ރަހުނުކޮށްފައިވާ ގދ. ލޮނުދުއަހައްޓާގައިވާ އިންވެސްޓްމަންޓް ވިއްކާލުމުގެ ހުއްދަ މެލޭޝިޔާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކަށްދީފައިވާ ކަމަށެވެ.